ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަން ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ކުރިން ބާއްވަން އިއުލާންކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހެވެ.

އެ ކޯލިޝަނުން ބުނީ، މަޖިލިސް ޕްރައިމަރީ ބާއްވާ ތާރީހް ފަސްކޮށްފައި ވަނީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީހަކީ ސްކޫލް ބަންދު ދުވަސްވަރަށްވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، އުމްރާއަށް ގައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވާތީ ކަމަށެވެ. ހަމައެއާއެކު އެ ބަދަލު ގެނެސްފައި ވަނީ އެ ސަބަބާ ހުރެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ އާންމު މެންބަރުންގެ އެދުމުގެ މަތިން ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

އެހެންކަމުން އަންނަ ޖެނުއަރީ މަހުގެ 20 އަށް ފަސްކުރި މަޖިލިސް ޕަރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަށް ބެލުމަށް ފަހު، ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފްތާ ތެރޭގައި އާންމުކޮށް އިއުލާން ކުރާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެއެވެ. އަދި ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތު ވެސް އާންމުކޮށް އިއުލާނު ކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.