ސްޓޯރީލައިން: މަދުން ނޫނީ ނުފެންނަ ޕްލެނެޓަރީ އެލައިންމަންޓެއްގެ ތެރޭގައި އާއިލާގެ މެމްބަރުންތަކެއް ފޮޓޯއެއް ނަގައެވެ. އަދި އެދުވަހު އެނބުރި ގެއަށް ގޮސް އަނެއް ދުވަހު ހޭލާއިރު ތިބެނީ އެކަކު އަނެކަކާ ހަށިގަނޑު ބަދަލުވެފައެވެ. އެމީހުން އާންމު ހާލަތަށް އެނބުރި ރުޖޫއުވުމަށް ކުރާ މަޖާ ދަތުރުގައި އެމީހުން އާއިލާއެއްގެ ގޮތުން ގުޅުން ބަދަހިވެ ކުރިއަށްވުރެ ގާތްވެއެވެ.
- ތަރިން
އެމާ މަޔާސް (ސީސީ ވޯކާ)، ބްރޭޑީ ނޫން (ވަޔަޓް ވޯކާ)، ޖެނިފާ ގާނާ (ޖެސް ވޯކާ)، އެޑް ހެމްސް (ބިލް ވޯކާ) އަދި ރީޓާ (އެންޖެލިކާ) އެވެ.
- މައިގަނޑުވާހަކަ (ސްޕޮއިލާނުލާ)
ޖެނިފާ އާއި ބިލް އަކީ ތިން ދަރިން ގެންގުޅެމުން އަންނަ ޒިންމާދާރު މައިންބަފައިންނެވެ. ބޮޑަށް ހުންނަށް އަންހެން ދަރިފުޅު ސީސީ އަކީ އެންމެ ކުޑައިރުންފެށިގެންވެސް ސޮކާ ކުޅުމަށް ފޯރި ހުންނަ ކުއްޖަކަށްވާއިރު ސީސީ އަކީ ސްކޫލުގައިވެސް ނަން މަޝްހޫރު ކުއްޖެކެވެ. އެއާ ހިލާފަށް ވަޔަޓް އަކީ ސްކޫލުތެރޭގައި ބުލީގެ ޝިކާރައަކަށްވެފައި ހުންނަ ކުއްޖެއް ކަމަކު ގޭތެރޭގައި އޭނާގެ ވަރުގަދަ "ސިޔާސަތެއް" ގެންގުޅެއެވެ. ކްރިސްމަސް ފާހަގަކުރަން ޖެސް އާއި ބިލް ބޭނުންވެއެވެ. ނަމަވެސް އެއީ ކުޑަކުދިން ކުރާ ކަމެއްކަމަށް ބުނެ ވަޔަޓް އާ ސީސީ އެކަމަށް އިންކާރުކުރިއެވެ. ކޮންމެއަކަސް އެންމެފަހުން އާއިލާ އެއްބަސްވީ ފޮޓޯ ނަގަން ދިޔުމަށެވެ. އެތަނުން އެމީހުންނަށް އާދަޔާ ހިލާފު މީހެއް ފެނެއެވެ. އެންޖެލިކާއެވެ. ޓެލެސްކޯޕެއް ކައިރީގައި ހުރެ އާއިލީ ފޮޓޯއެއް އެމީހުން ނަގައެވެ. ފޮޓޯއާއެކު މުޅިތަނަށް އަލިއެޅި ފައިކައްސާލައިގެން އެންމެން ބިމަށްވެއްޓި ޓެލެސްކޯޕްވެސް ހަލާކުވެއެވެ. މިއީ އެމީހުންގެ ދިރިއުޅުން ބަދަލުވެގެން ދިޔަ ހިސާބެވެ. ކޮންމެއަކަސް އެމީހުންނަށް ހޭލެވުނީ ޖެހިގެން އައި ދުވަހު އެވެ. ކަމަކު ދާކަށް ނެތެވެ. ސީސީގެ ހަށިގަނޑުގައި ޖެސް އިން އިރު ބިލްގެ ހަށިގަނޑުގައި ވަޔަޓް ހުއްޓެވެ. ހަތަރު މީހުންގެ ހަށިގަނޑު އެކަކު އަނެކަކުގެ ހަށިގަނޑާ ބަދަލުވީއެވެ.
އެކަންތައް ދިމާވީ ހަޔާތުގެ އެންމެ މުހިއްމު އަދި އެހާމެ ޕްރެޝަރު ބޮޑު ދުވަހެއްގައެވެ. ޖެސް އަށް ޕޮޓެންޝަލް ކްލައިންޓަކަށް ވުމަށް ބޮޑު ޕްރެޒެންޓޭޝަނެއް ހުށައެޅުމުގެ ފުރުސަތު ލިބި އެ ހުށައަޅަށް ލިބޭ ދުވަހަށް އެދުވަސް ވެއެވެ. ސީސީގެ ބޮޑު ސޮކާ މެޗެއް އޮތްއިރު، އޭނާ އިންޕްރެސް ކުރަން އުއްމީދުކުރާ ގައުމީ ޓީމުގެ ސްކައުޓެއް މެޗު ބަލަން އަންނަ ދުވަހެވެ. ވަޔަޓް، ޔޭލް އަށް ދިޔުމަށްޓަކައި އިންޓަވިއު ދޭންޖެހޭ ދުވަހަށެވެ. އަދި ބިލް އާއި އޭނާގެ ރޮކް ގްރޫޕް ސްކޫލް ޕާޓީއެއްގައި މިއުޒިކް ޝޯއެއް ހުށައަޅަށްޖެހޭ ދުވަހަށް އެ ދުވަސްވިއެވެ. ހަތަރު މީހުން ގޮތް ހުސްވިއެވެ. ހަދާނެ ގޮތެއް ނޭނގުނެވެ. އެންމެފަހުން ސީސީގެ ސޮކާ މެޗު ކުޅުނީ ސީސީގެ ހަށިގަނޑުގައިވާ ޖެސް އެވެ. ދުވަހަކު ބޯޅައެއް ނުކުޅޭ ޖެސް އަށް އެ މެޗުގައި ލަނޑެއްޖަހާލަން ނޭނގުނެވެ. ނުވިތާކަށް ބޯޅައިގައި ފައި ޖައްސާލަން ނޭނގުނެވެ. އުމުރުދުވަހު ސީސީ ދެކެމުން އައި ހުވަފެން ފެނަށް ދިޔައީ ފަޅި ސިކުންތެއްގެ ތެރޭގައެވެ.
ބޭރުތެރެއިން އެންޖެލިކާ އާ އެމީހުންނާ ދިމާވެއެވެ. އެންޖެލިކާ ބުނީ ހަލާކުވެފައި ހުރި އެތި ރަނގަޅުކުރުމުން އެ އާއިލާ ކުރިން އުޅުނު ގޮތަށް ރުޖޫއަ ވާނެ ކަމަށެވެ. މާނަ އަކީ އެންމެންގެ ހަށިގަނޑުވެސް އެމީހެއްގެ އަމިއްލަ ހަށިގަނޑަށް އިއާދަވާނެ ކަމަށެވެ. އެންޖެލިކާ އެހެންބުނުމާއެކު އެ އެންމެން އަވަސްވެގަތީ ހަލާކުވެފައި ހުރި ޓެލެސްކޯޕު ރަނގަޅުކުރުމަށެވެ. އެ ޓެލެސްކޯޕު ރަނގަޅުކުރަން އުޅުމުގެ ތެރޭގައި ދިމާވާ ހެއްވާ މަޖާ ކަންތައްތައް ފިލްމުން ފެނިގެންދާނެއެވެ.