މާލެ ސަރަހައްދުގެ ސްކޫލެއްގެ ގްރޭޑް 1ގައި ކިޔަވަމުންދާ ދަރިވަރަކަށް ބުލީ ކުރާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ އެޑިއުކެޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު އާންމުވި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން މާލެ ސަރަހައްދުގެ ސްކޫލެއްގައި ގްރޭޑް 1ގައި ކިޔަވަމުން ދާ ދަރިވަރަކު އެ ސްކޫލަށް ދާން ފެށިތަނާ ދުވަސްކޮޅެއްގެ ތެރޭގައި ކުއްޖާއަށް ބަދަލުތަކެއް އަންނަ ފެށިއެވެ. މިގޮތުން ސްކޫލުން އަންނައިރު ބޮޑުކަމު ދެވިފައި ހުންނަ ކަން ކުއްޖާގެ މަންމައަށް ފާހަގަވާން ފެށި ކަމަށާއި ސްކޫލުން ނުދާން ގަދަ ހަދައި، ދާން ވާ ގަޑިއަށް ބަނޑަށް ތަދުވެ ހޮޑުލައި، ގަދަކަމުން އެހާލަތުގައި ގެންފާ ކޮންމެ ދުވަހަކު ބަލާ ދާއިރު ގަލަށް ބޮޑު ކަމު ދެވިފައި ހުންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެ ޕޯސްޓުގައި ބުނާގޮތުން އެކި ޑޮކްޓަރުންނަށް ދައްކައިގެން ވެސް މިކަމަށް ފަރުވާއެއް ނުލިބުނެއެވެ. އަދި ދުވަސްތަކެއް ފަހުން ކުލާހުގެ އެހެން ކުއްޖެއްގެ ފަރާތުން، އެކުއްޖާއަށް ކުލާސް ކުދިންގެ ފަރާތުން ބުލީ ވަމުންދާ ކަން އިނގުނު ކަމަށާއި އެކަން ކްލާސް ޓީޗަރުގެ ސަމާލުކަމަށް ގެނައި ނަމަވެސް ބުލީ ކުރާ އެ ކުދިން އެއީ އާދައިގެ ކުދިންނާ ތަފާތު ކޮން ހައިފާ އެކްޓިވް ކުދިން ކަމަށް ޓީޗަރު ބުނި ކަމަށް ވެއެވެ. އަދި އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، އޭގެ ފަހުން އަނެއްކާވެސް މިކަންތައް ބޮޑުވި ކަމަށް އެޕޯސްޓުގައި ވެއެވެ.

މިގޮތުން އެކުއްޖާ ފެންބޯފުޅީގައި އެކުދިން އަނގަ ޖަހައި، ދޫލައި އެކުއްޖާއަށް މަޖުބޫރުކޮށްގެން ކުއްޖާ ލައިގެން ހުންނަ ޓީޝާޓު މެޔާ ހަމައަށް އަރުވާ އެހެން ކުދިންނަށް ދައްކުވާ ކަމަށް ވެސް އެކުއްޖާގެ ފަރާތުން ފަހުން އެނގުނުއިރު މިކަންކަން ކުއްޖާގެ މައިންބފައިން އަނެއްކާވެސް ކުލާސް ޓީޗަރު އަދި ޕްރިންސިޕަލްގެ ސަމާލުކަމަށް ގެނައި ކަމަށް ވެއެވެ.

ތަކުރާރުކޮށް މިހެން ވާތީ ކުއްޖާގެ ބަލި ހާލަތު ވެސް ގޯސްވެ މިހާ ކުޑަ ކުއްޖަކަށް ނަފްސާނީ ބޭސް ކާން ދޭން ފަށަން ޖެހުނު ކަމަށް ވެސް އެޕޯސްޓުގައި ވަނީ ބުނެފައެވެ.

މިއަދު އެކުއްޖާ ގެއަށް ދިޔައިރު ކުއްޖާ ލައިގެން ހުރި ސޯޓު ކުރިމަތިން ވާގޮތަށް ތަންތަނުން ކަފާފައި ހުރިއިރު އެކުއްޖާގެ މައިންބަފައިން ވަގުތުން ސްކޫލަށް ގޮސްފައިވާ ކަމަށާއި އަދި ކްލާސްޓީޗަރާއި ޑެޕިއުޓީ ޕްރިންސިޕަލާ ބައްދަލުކުރި ނަމަވެސް ޓީޗަރު ވަނީ ކުއްޖާ ދޮގު ހަދަނީ ކަމަށް ބުނެފައެވެ. އެއީ އަމިއްލައަށް ކުރިކަމެއް ކަމަށް ޓީޗަރު ބުނަމުންދިޔައިރު ކުއްޖާ ރޮމުން ރޮމުން ޓީޗަރުގެ ވާހަކަތައް ދޮގުކޮށް، ޓީޗަރު އެގަޑީގައި ކުލާހުގައި ނެތް ކަމަށް އެކުއްޖާ ބުނެފައިވާ ކަމަށް ޕޯސްޓުގައި ވަނީ ބުނެފައެވެ.

ނަމަވެސް ޕްރިންސިޕަލް އަދި ޑެޕިއުޓީ ޕްރިންސިޕަލް ވެސް އެކުއްޖާ ހަދަނީ ދޮގު ކަމަށް ގަބޫލުކުރެވޭ ބީދައިން ވާހަކަދެއްކި ކަމަށް ވެއެވެ. ޕޯސްޓުގައި އިތުރަށް ބުނީ، އެކުއްޖާގެ ބެލެނިވެރިން އަންބުރާ ގެއަށް އައިއިރު ފޯނެއް އައި ކަމަށާއި އެއީ އެކަން ކުރި ކުއްޖާގެ ބެލެނިވެރިޔާ ކަމަށެވެ. އަދި ވަރަށް ރީތިކޮށް ވާހަކަދައްކާ މައާފަށް އެދުނު ކަމަށާއި އަދި އެކުއްޖާގެ ބޯކޮށާލި ކަމަށް އެކުއްޖާ އެ ބެލެނިވެރިޔާގާތު ބުނި ކަމަށް ވެސް އެމީހާ ގުޅާފައި ބުނި ކަމަށް ވެއެވެ.

އެކޯލް ރިކޯޑިން ހިފައިގެން ޓީޗަރަށާއި ޑެޕިއުޓީ ޕްރިންސިޕަލަށް އަޑު އިއްވުމުން ޓީޗަރު އެކަމުގައި އެއްޗެއް ބުނެފައި ނުވާއިރު އެކަމުގައި ޑެޕިއުޓީ ޕްރިންސިޕަލް ވަނީ ކޮންމެ އެއްޗެއް ރިކޯޑު ކުރަނީ ކީއްވެތޯ ސުވާލުކޮށްފައެވެ.

މި ޕޯސްޓާ ގުޅުގެން ގިނަ ބަޔަކު ކަންބޮޑުވް ފާޅުކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ އެޓީޗަރަށް އަދި ޕްރިންސިޕަލަށް ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެކަން ހިނގި ގޮތް ބަލަމުންދާ ކަމަށެވެ.