އާރްސީސީގެ އޮފީހަށް ވަދެ ވައްކަން ކުރަން އުޅުނު ސ، ހިތަދޫ މުހައްމަދު އަސްލަމްގެ މައްޗަށް 63 ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
އެ މައްސަލާގައި އިއްޔެ ހުކުމް ކޮށްފައި ވާއިރު އެ މައްސަލާގައި ބުނެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ދަންވަރު 3:50 ހާއިރު އާރުސީސީ ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ތެރެއަށް ހުއްދަނެތި ވަދެ އެތަނުގައި ހުރި ތަކެތި ވަގަށް ނަގަން އުޅެފައިވާތީ އަސްލަމްގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.
އިބްތިދާއީ އަޑުއެހުމުގައި ދައުވާ ސާފުވެއްޖެ ކަމަށާއި އިއުތިރާފުވާ ކަމަށާއި އެ ދައުވާއަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވީ އެއްވެސް މަޖުބޫރު ކަމެއް ނުފޫޒެއް ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށް އަސްލަމް ބުނެފައިވާ ކަމަށެވެ. އަދި އެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ގަބޫލުކުރެވޭތީ މައްސަލަ އަވަސް ނިޔާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 24 ދުވަހަށް ޖަލަށްލުން އެހެންނަމަވެސް އަސްލަމްގެ މައްޗަށް ކުރިން ސާބިތުވެފައިވާ ކުށުގެ ރިކޯޑަށް ބަލާއިރު ފާއިތުވި 2 އަހަރު ޖުނަހްގެ ކުށެއް ސާބުތުވެފައިވާތީ އެއް ދަރަޖަ މަތިކުރަން ޖެހޭ ކަމަށް ވަނީ ނިންމާފައެވެ. އަދި މިބާވަތުގެ ކުށެއް ސާބިތުވެފައިވާތީ އިތުރު އެއް ދަރަޖަ އިތުރުކުރަން ޖެހޭ ކަމަށާއި އިއުތިރާފުވެފައިވާތީ އެއް ދަރަޖަ ދަށް ކުރަން ޖެހޭ ކަމަށް ޝަރީއަތުން ވަނީ ބުނެފައެވެ.
އެ މައްސަލާގެ ހުކުމުގައި ބުނެފައިވަނީ އަސްލަމަކީ ކުށުގެ މާހައުލުގައި އުޅޭ ކުށުގެ ރިކޯޑު ގިނަ ފަރާތެއްކަން ޝަރީއަތަށް ފާހަގަކުރެވާ ކަމަސާއި ހާއްސަކޮށް މިދިޔަ އަހަރާއި މި އަހަރުގެ ރިކޯޑަށް ބަލާއިރު މި ބާވަތުގެ 8 މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި މި ވަގުތުވެސް މި ބާވަތުގެ މައްސަލަ އެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ކުށުގެ ވެށީގައި އުޅޭ މި ބާވަތުގެ ކުށް ތަކުރާރުކުރާ ފަރާތެއްކަން ފާހަގަކުރެވޭތީ ކުށުގެ އަދަބަށް އިތުރު ދެ ދަރަޖަ އިތުރު ކުރަން ވަނީ ނިންމާފައެވެ. އެހެންކަމުން މި ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 15 ދުވަހަށް ޖަލަށްލުން ނަމަވެސް ދެ ދަޖަރަ އިތުރު ކުރުމަށްފަހު އަސްލަމް 2 މަހާއި 3 ދުވަސް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.
2 މަހާއި 3 ދުވަހަކީ 63 ދުވަސް ކަމަށްވާއިރު މި މައްސަލާގެ ތަހުގީގުގައި 62 ދުވަސް އަސްލަމް ބަންދުގައި ހޭދަކޮށްފައިވާތީ މި މައްސަލާގައި އަސްލަމް ތަންފީޒުކުރަން ޖެހޭ އަދަބަކީ 1 ދުވަސް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.