އިސްރާއީލުން ގާޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި، އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފިއެވެ.

ޒަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަށް އެއްވެސް ކަހަލަ ހައްލެއް ނުލިބުމުގެ ކަންބޮޑުވުންތަކާ އެކު އދ.ގެ އާންމު މަޖިލީހުން 10 ވަނަ ކުއްލި ބައްދަލުވުމެއް ބޭއްވުމުން މަރުހަބާ ވިދާޅުވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ، މި ސެޝަންގައި ފާސްކުރި ގަރާރު ބޮޑު އަޣުލަބިއްޔަތަކުން ކޯ-ސްޕޮންސާކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ތެދުވެ، އެމީހުންގެ ހައްގުގައި އެއްބާރުލުން ދިނުމުގައި ދެމިތިބޭނެ ކަމަށް ވެސް ޒަމިރު ވިދާޅުވިއެވެ.

މި ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެސެޖެއް ދެއްވާނެ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.

193 މެމްބަރު ގައުމު ހިމެނޭ އދ.ގެ އާންމު މަޖިލީހުން ކުއްލި ބައްދަލުވުމެއް ބާއްވާފައިވާއިރު މި ބައްދަލުވުމުގައި ވަގުތުން ވަގުތަށް ގަތުލުއާންމުތައް ހުއްޓާލުމަށާ ޝަރުތަކާ ނުލައި ރަހީނުކޮށްފައިވާ ހުރިހާ އަސީރުން ދޫކޮށްލުމަށް ގޮވާލާ ވަނީ ގަރާރެއް ފާސްކޮށްފައެވެ.

މި ގަރާރަށް 153 ގައުމުން ތާއީދުކޮށްފައިވާއިރު މި ގަރާރާ ދެކޮޅަށް 10 ގައުމަކުން ވަނީ ވޯޓު ދީފައެވެ. އަދި 23 ގައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.