ބޭރުގެ އާގުބޯޓުތަކަށް ބަންކަރިންގެ ހިދުމަތާއި ތެޔޮ އެޅުމުގެ ހިދުމަތް ދިނުމަށްޓަކައި ހިންގަން ނިންމާފައިވާ އިހަވަންދިއްޕޮޅުގެ ބަންކަރިން މަޝްރޫއުގެ އެއްބަސްވުމުގައިވާ އެއްވެސް މަސައްކަތެއް މި ސަރުކާރުން ހުއްޓާނުލާ ކަމަށާއި، އެ މަޝްރޫއާ ގުޅޭ އެއްބަސްވުން އެކުލަވާލި ދެ ކުންފުނިން ވެސް އެއްބަސްވުން މުރާޖައާކުރަމުން ދާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ މި މަޝްރޫއާ ގުޅުންހުރި ދެ ސުވާލެއް ކުރައްވައިފައެވެ. އެއީ:

  • އިހަވަންދިއްޕޮޅުގައި މިދިޔަ ސަރުކާރުން ތަރައްގީކުރަން ނިންމި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުން ހުއްޓާލީތޯ؟
  • ނޫން ނަމަ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތަކީ ކޮބައިތޯ؟

ސައީދު ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު މި ސަރުކާރުން އަދި ގޮތެއް ނުނިންމާ ކަމަށާއި، އެސްޓީއޯ އާއި އަދި ޓްރާންސްޝިޕްމެންޓު ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވާ ގަތަރުގެ އާބަކޮން ކުންފުނިން އެއްބަސްވުން މުރާޖައާކުރަމުން ދާ ކަމަށެވެ. އަދި މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު ގޮތެއް ކަނޑައަޅަނީ އެ ދެ ކުންފުނިން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު ރިޔާސަތުން އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ސަލީމް ވަނީ، މިފަދަ ކަންކަމުގެ ސިޔާސަތު ކަނޑައަޅަނީ އިކޮނޮމިކް މިނިސްޓްރީންކަން ފާހަގަކުރައްވައި، ސައީދުގެ ޖަވާބުން އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމެންޓު ބަނދަރެއް ގާއިމްކުރުމަށް ސަރުކާރުގެ ސިޔާސަތެއް ނެތް ކަން ހާމަވާ ކަމަށް ވިދާޅުވެފައެވެ.

ސައީދު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވަނީ އާގުބޯޓާއި ބަންކަރިންގެ ހިދުމަތް އިންވެސްޓްމެންޓުގެ ގޮތުގައި ދިނުމަށެވެ.

އެއަށްފަހު މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ، އިހަވަންދިއްޕޮޅުގައި ގާއިމްކުރާ ޓްރާންސްޝިޕްމެންޓް ބަނދަރު ލ. ގާދޫ އަށް ބަދަލުކުރައްވާފައިވާ ކަމަށް ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ. ނަމަވެސް އެ ބަނދަރު ގާދޫ އަށް ބަދަލުނުކުރައްވާ ކަމަށާއި، ނަމަވެސް ލ. އަތޮޅުގައި ވަކިން ޓްރާންސްޝިޕްމެންޓު ބަނދަރެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ސައީދު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމެންޓު ބަނދަރެއް ގާއިމްކުރުމަށް ގަތަރުގެ އާބަކޮން ކުންފުންޏާ އެކު އެސްޓީއޯ އިން ސޮއިކުރީ މިދިޔަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުގައެވެ. އެ މަޝްރޫއުގެ ދަށުން:

  • ތެލުގެ ގައުމީ ރިޒާވެއް ގާއިމްކުރާނެ
  • ބަންކަރިންގެ ހިދުމަތް ފެށުމަށް ދިރާސާކުރާނެ