"ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ޕްލެޖިން ޓްރީ ސެޝަން"ގައި، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭގޮތުން ރާއްޖެއިން ވައުދުވާ ކަންކަން ހިމެނޭ ބަޔާން ނައިބު ހުސައިން މުހައްމަދު ލަތީފު އިއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ސްވިޒަލެންޑްގެ ޖެނީވާގައި މިއަދު ބޭއްވި މި ހަރަކާތުގައި ރާއްޖެއިން 5 ކަމަކަށް ވައުދުވެފައިވާ ކަމަށެވެ. ނައިބުގެ ވާހަކަގައި، ރާއްޖޭގައި އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ސަގާފަތް އާލާކުރުމަށްޓަކައި މި ދާއިރާއިން މީހުން ބިނާކުރުމަށް މިހާރުގެ ސަރުކާރުން ދޭ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ.

ނައިބު ވަނީ، އިންސާނީ ހައްގުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ އޮނިގަނޑުތައް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ދެމެހެއްޓުމަށާއި، ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރާ ގޮތާމެދު މައުލޫމާތު ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އުފައްދާފައިވާ ބައިނަލްއަގްވާމީ އެކިއެކި ނިޒާމުތަކާއެކު އިތުރަށް ގުޅުން ބަދަހި ކުރުމަށް މިހާރުގެ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ދިވެހިރާއްޖޭގެ ފަރާތުން ވައުދު ވެވަޑައިގެންފައެވެ.

މީގެ އިތުރުން، މުޖުތަމައުގައި ފަރުދީގޮތުން އަދާކުރާ ދައުރާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ދިވެހިރާއްޖެއިން ވައުދުވާކަން ނައިބު ވިދާޅުވިއެވެ. އަދި އެއްވެސް ކުއްޖެއް ބާކީނުކޮށް ހަމަހަމަ ގޮތެއްގައި ތަޢުލީމު ހޯދުމަށް މަގުފަހިކޮށްދިނުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށް ޤައުމީ ފެންވަރުގައި އެކަށައަޅާފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްވެސް ރާއްޖެއިން ވައުދުވާކަމަށް ނައިބު ވިދާޅުވިއެވެ.

އެންމެފަހު ވައުދެއްގެ ގޮތުން ނައިބު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދިވެހިންގެ އިންސާނީ ހައްގުތަކާ ގުޅިލާމެހިފައިވާކަން ފާހަގަކުރައްވާ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިވެހިންގެ މުސްތަގްބަލު ކަށަވަރު ކުރުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެކަން ފާހަގަކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ، މެންބަރު ގައުމުތަކުން މާނަހުރި ކަންތައްތަކެއް ކުރުމަށް ބާރުއެޅުމުގެ ގޮތުން އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ކެމްޕެއިންގައި، 100 އަށްވުރެ ގިނަ މެންބަރު ގައުމުން އެގައުމުތަކުން ވައުދުވާ ކަންކަން ހުށަހަޅާފައިވާ ކަމަށެވެ.