"ހައްކު"ގެ ނަމުން މަޝްހޫރުވެފައިވާ ހަކީމާ އަކީ އުމުރުން 62 އަހަރުގެ މަސްވެރިއެކެވެ.
ފިރިމީހާ އުމަރު ހާރޫން (64އ) އާއި އަންހެން ދަރިފުޅު ހާމިދާ (އޭނާގެ އުމުރަކީ ގާތްގަނޑަކަށް 20 އަހަރު) އާއި، ދެ ފިރިހެން ދަރިން ކަމަށްވާ އިމްރާން (37އ) އާއި ރަހްމާން (24އ) ދިރިއުޅެމުން ދަނީ އެ އާއިލާގެ 185 އަކަފޫޓު (17 އަކަމީޓަރު) ކޮމްޕައުންޑުގައި ވަކި ގެއެއްގައެވެ.
ހައްކު ދިރިއުޅެމުން އަންނަނީ ޕާކިސްތާނުގެ ކަރާޗީގެ ރެހްރީ ގޮތުގައި ހުންނަ އެއް ކޮޓަރީގެ، ސެމީ ކޮންކްރީޓް ހަޓެއްގައެވެ.
ހައްކޫ އާއި އޭނާގެ ދަރިންނަށް ދުވާލެއްގެ މައްޗަށް ލިބެނީ 1،500-4،000 ރުޕީސް (5 ޑޮލަރާއި 14 ޑޮލަރާ ދެމެދު) އެވެ. ދުވާލެއްގެ މައްޗަށް ކުރާ ހަރަދުތައް ގާތްގަނޑަކަށް 3،500ރ (12 ޑޮލަރު) އަށް އަރައެވެ.
ކަރާޗީގެ 400 އަހަރުވީ މަސްވެރިކަމުގެ އާބާދީއެއް ކަމަށްވާ ރެހްރީ ގޮތުގައި ކޮންމެ ދުވަހަކު ހެނދުނު ވެސް ފުރަތަމަ އަލިވިލުމުގެ ތެރޭގައި އެތައް ސަތޭކަ މަސްވެރިން މޫދަށް ނުކުމެއެވެ. ފިރިހެނުންގެ ތެރެއިން ހައްކު ފާހަގަ ވަނީ މަސްވެރިކަމުގައި އުޅޭ ހަމައެކަނި އަންހެނާގެ ގޮތުގައެވެ. ގާތްގަނޑަކަށް 43،000 މީހުންގެ މުޖުތަމައުގައި މަސްވެރިކަން ކުރާ ހަމައެކަނި އަންހެނަކީ އޭނައެވެ.
އިރު އެރުމުގެ ކުރިން ހައްކު ތެދުވެ، ކުރިއަށް އޮތް ދިގު ދުވަހަށް ތައްޔާރުވެ، ފަތިސް ނަމާދަށް ގޮވާ ވަގުތަށް އަމިއްލަ ނަފްސު ތައްޔާރުކުރެއެވެ. އޭނާގެ ހުރިހާ ސާމާނެއް ޕެކްކޮށް، ކަންވާރު، މަސްވެރިކަން ކުރާ ދާ، ބަރުތައް، އެން އަދި ފެނާއި ބިސްކޯދު ޕެކްކޮށް، ބަނދަރަށް ދާން ހިނގައިގަނެއެވެ. ތާމޯކޯލް ނުވަތަ ޕޮލިސްޓީރިން އިން ހަދާފައިވާ ކުޑަ ދޯންޏެއް އޭނާގެ ބޮލުގެ މަތީގައި ބާއްވައިގެން ވީހާވެސް އަވަހަކަށް މޫދާ ދިމާލަށް ދެވޭތޯ އޭނާ މަސައްކަތްކުރެއެވެ. އާންމުގޮތެއްގައި އޭނާގެ އެންމެ ހަގު ފިރިހެން ދަރި ނުވަތަ ދެދަރިން ވެސް ހައްކުއާއެކު މަސްވެރިކަމަށް ދެއެވެ. މާ ދުރަށް މަސްވެރިކަން ކުރަން ދާން ޖެހިއްޖެނަމަ އަމިއްލަ ކުދި ބޯޓުތައް ހިފައިގެން ބޮޑު ދޯންޏަކަށް އަރައި، ދާން ބޭނުންވާ ހިސާބަކަށް ދަނީއެވެ. އަދި ގެޔަށް ދާން ވީމާ ބޮޑު ބޯޓެއް އެމީހުން ބަލާ އާދެއެވެ. ހައްކު މިކަން ކުރާ ކޮންމެ ފަހަރަކު ތެލަށް 500 ރުޕީސް (1.80 ޑޮލަރު) ދެއެވެ.
ހޫނު މޫސުމުގައި ހައްކު ދަތުރުކުރަނީ މެންގްރޫވް ޖަންގަލިތައް ހުންނަ އުދައިގެ ކްރީކް ފެނަށެވެ. ކުދި ކުދި އެންކޮޅު ކަންވާރުގައި ހަރުކޮށްފައި ފެންގަނޑުތެރެއަށް ލުމުން ކަކުނި ހިފެއެވެ. ބައެއް ފަހަރު ޝްރިމްޕާއި ކުދި މަސްތައް ވެސް ހިފެއެވެ. ފިނި މޫސުމުގައި އޭނާ މޫދަށް ނުކުންނަނީ ބޮޑެތި މަސް ހިފުމަށެވެ. ކެއްކުމަށް ބޭނުންވާ ލަކުޑި ކަނޑަނީ ހަފުތާއަކު ދެތިން ފަހަރު ކަނޑޫފާތަކުގެ ބްރިޓަލް ގޮފިތަކުންނެވެ. "އަހަރެމެން ދުވަހަކުވެސް ގަހުގެ ތެތް ބައެއް ނުކަނޑަން. އަހަރެމެން ކަނޑޫފާތަކަށް ބަލަން." ހައްކު ބުންޏެވެ.
މެންދުރުފަހު ދިޔަވަރު ބޮޑުވުމުން ހައްކު އެނބުރި ގެޔަށް ދާން މިސްރާބު ފަށައެވެ. ގެއިން 10 މިނެޓު ދުރުގައި އޮންނަ މަސް މާރުކޭޓާ ދިމާލަށް އޭނާ އާއި އޭނާގެ ފިރިހެން ދަރިން ދާނީ އެދުވަހު ހިފުނު މަސްތައް ވިއްކުމަށެވެ. ލާރި ލިބުމުން ގެ ކައިރީ ފިހާރައިން ގޭގައި ކައްކަން ބޭނުންވާ ސާމާނު ގަނެއެވެ. އަންހެން ދަރިފުޅު މެންދުރުގެ ކެއުން ތައްޔާރުކުރާއިރު، އެންތަކުގައި ހައްކު ލޮނު ހާކައެވެ. އަބަދުވެސް މިގޮތަށް ހައްކު ކަންތައްކުރަނީ އެންތައް ކުނިވިޔަ ނުދިނުމަށެވެ. މިއީ ފާއިތުވި 15 އަހަރު ތެރޭގައި ވެސް އޭނާގެ ކޮންމެ ދުވަހެއް ހޭދަވާގޮތެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތައްވުން
ހައްކު ކުޑައިރު މަސްވެރިކަން ކުރަން ފެށީ އޭނާގެ ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރުމުގެ ގޮތުންނެވެ. އެހެން ގޮސް މަސްވެރިކަމަށް އޮތް ޝައުގުވެރިކަން ބޮޑުވެގެން ދިޔައެވެ. ކަރާޗީއާ 100 ކިލޯމީޓަރު (62 މޭލު) ދުރުގައި އޮންނަ ތާތާގެ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ކޭޓީ ބަންޑާރުގައި ބައްޕައާއެކު މަސް ކެއްކުމުގެ މަސައްކަތުގައި އޭނާ ބައިވެރިވިއެވެ. އިންޑަސް ކޯރުގައި ޑޭމްތަކާއި ބެރޭޖްތައް އެޅުމާއެކު އޭނާގެ އުފަން ރަށުގެ ވިޔަފާރީގެ އަދި ދަނޑުވެރިކަމުގެ މުހިންމުކަން ވަނީ ކުޑަވެފައެވެ. "އަހަރެމެންގެ ގެތައް ފެންބޮޑުވަމުން ދާނެ." ހައްކު ހަނދާން އާކޮށްލިއެވެ.
ކަރާޗީގެ ރެހްރީ ގޮތު ފަދަ ތަންތަނަށް އެތައް ބަޔަކު ހިޖުރަކުރިއެވެ. މީގެ ސާޅީހަކަށް އަހަރު ކުރިން، ހައްކު އޭނާގެ އަވަށްޓެރި އުމަރުއާ ކައިވެނި ކުރުމަށްފަހު، އެމީހުންވެސް އެ ރަށަށް ބަދަލުވީ އެކުގައި އާ ދިރިއުޅުމެއް ބިނާކުރަން އުފަލުންނެވެ. އުމަރު އަކީ މަސްވެރިއެއް އަދި ބޯޑު ފަހަރު ބަންނަ މީހެކެވެ.
"ކައިވެނީގެ ކުރިން ބައްޕަ އުމަރަށް އިރުޝާދު ދިނީ އަހަރެން ލޯބިކުރާ ކަންތައް ކުރުމަށް ހުރަސް ނޭޅުމަށް. އެއީ މަސްވެރިކަން." އޭނާ ކިޔައިދިނެވެ.
މި ދެމަފިރިން އެންމެ ފުރަތަމަ މިގެއަށް ބަދަލުވިއިރު، 1980 ގެ އަހަރުތަކުގައި އުމަރު 22 ފޫޓުގެ ބޯޓެއް ބަނެވެ. "އޭރު އަހަރެމެން އެކީގައި މަސްބާނަން ދަން." ހައްކު ބުންޏެވެ. "އޭރު ފެން ވަރަށް ސާފު. ވަރަށް ގިނަ ބާވަތްތަކުގެ މަސްވެސް ބޭނޭ."
މަސްވެރިކަމާއި އުމަރުގެ ބޯޓު ކޮމިޝަންތައް މެދުވެރިކޮށް އެމީހުން ދިރިއުޅެމުން ދިޔައިރު ރައްކާކުރި ހުރިހާ ފައިސާއެއް އެމީހުންގެ ލަކުޑި ދޯނިތައް އަޕްގްރޭޑްކޮށް އިމާރާތް ކުރުމަށް ހޭދަކުރިއެވެ. އޭގެ 10 އަހަރު ފަހުން އުމަރު 25 އަހަރަށް ދެމިގެންދިޔަ އަލްކަބޫތާރު ("ޕިޖަން") ދޯނި ބަނެވެ. ދެން އައީ އަލް ސިކަންދަރު ('ކިންގް' ނުވަތަ 'ވޮރިއާ') އެވެ. އެއީ 18 ފޫޓުގެ އުޅަނދެކެވެ. އެއީ އަށް ވަރަކަށް މީހުންނަށް އެރޭ ދޯންޏެވެ.
"މީގެ ފަނަރަ އަހަރު ކުރިން އަޅުގަނޑަށް ސިއްހީ މައްސަލަތަކެއް ދިމާވާން ފެށީ." އުމަރު ބުންޏެވެ. ކިޑްނީގެ މައްސަލަތަކާއި ތުރުތުރުލުން އުފެދުމުން މިހާރު މޫދަށް ނުކުމެ މަސްވެރިކަން ނުކުރެވެއެވެ. ފަރުވާކުރުމަށް އެކަށީގެންވާ އާމްދަނީ އާއިލާއަށް ނުލިބުމުން ފާއިތުވި އަހަރުތަކުގައި އޭނާގެ ހާލު ވަނީ އިތުރަށް ގޯސްވެފައެވެ. ބައެއް ފަހަރު އަމިއްލަ ނަފްސަށް މާ ބާރުލުމުން އޭނާ ވެއްޓެއެވެ. "ފަންސޫރެއް ވެސް ހިފައްޓައެއް ނުލެވޭ. އަތް ތުރުތުރުއަޅާ."
އުމަރުގެ ބަލި ހާލު ހުރިގޮތުން އާމްދަނީ ހޯދުމަށް ބޯޓު ބަނުމުގެ މަސައްކަތް ނުކުރެވޭތީ މިހާރު އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ހައްކުއާއި އޭނާގެ ފިރިހެން ދަރިންނެވެ.
"ހުރިހާ ކަމެއް ބަރޯސާވަނީ ކަނޑުގެ މައްޗަށް"
މިދިޔަ އަހަރު ހައްކުއާއި އުމަރަށް ޖެހުނީ އެންމެ ހަ އަހަރު ވަންދެން ބޭނުން ކުރުމަށްފަހު ހަލާކުވަމުން ދިޔަ އަލް ސިކަންދަރު ވިއްކާލުމަށެވެ. އުމަރު ބުނި ގޮތުގައި އެއީ އެންމެ ފެންވަރު ރަނގަޅު މެޓީރިއަލްއިން ހަދާފައިވާ އެއްޗެއް ނޫން ކަމަށާއި އެއަށް އިތުރަށް ބަރޯސާ ނުވެވޭނެ ކަމަށެވެ. "ކަނޑު މެދުގައި ފަޅައިގެން ގޮސްފިނަމަ ހަދާނީ ކިހިނެތް؟"
އެމީހުން ވިއްކާލީ 110،000 ރުޕީސް (385 ޑޮލަރު) އަށެވެ. އޭގެ ބަދަލުގައި އިމްރާން އަމިއްލައަށް ތަމޯކޯލް އިން ކުޑަ ދޯންޏެއް ހަދައި، އިޕޮކްސީ ގްލޫ ބޭނުންކޮށްގެން އެ ދޯނި ހަރުކަށިކޮށްލިއެވެ. "އަހަރެން ބުނިން އަހަރެންނަށް ވެސް އެއްޗެއް ހަދާދޭށޭ" ހައްކު ބުންޏެވެ. "ވަރަށް ލުއި، އުފުލަން ފަސޭހަ ދޯންޏެއް ހަދައިދިނީ. ދެން ރަހްމާންއަށް ވެސް ވަކިން އެއްޗެއް ހެދި. އަދި އެކި ކުލަތަކުން ދޯނީގައި ކުލަޖައްސާ ހެދި."
ކޮންމެ ދޯންޏަކަށް 15،000-20،000 ރުޕީސް (54-72 ޑޮލަރު) ހަރަދުވެ އެވެ. އެކަމަކު މި ދޯނިތަކަކީ އިތުބާރު ނުކުރެވޭ ދޯނިތަކެއް." ހައްކު ބުންޏެވެ. "ގަދަ ވަޔާއެކު ވައިރޯޅިއެއް އަތުވެއްޖެނަމަ ދޯނި ފުރޮޅާލާ. މީގައި ކަނޑަށް ގޮސް އުޅުމަކީ ނުރައްކާތެރިކަމެއް. ކެއުމުގެ އިންތިޒާމެއްވެސް ނުހެދޭނެ. އޭގައި ނުވެސް ނިދޭނެ. އިށީންދެލާނެ ޖާގައެއްވެސް އޮންނަނީ ކިރިޔާ."
އަދި ދޯނީގައި އޭނާއަށް ގެންދެވޭނެ މަސްތަކުގެ ސައިޒު ވެސް ލިމިޓެވެ. "ބޮޑެތި އުޅަނދުތައް އައިސް، ބޮޑެތި ނެޓްތައް ހިފައިގެން ހުރިހާ މަހެއް ހިފައިގެން ދަނީ." އޭނާ ޝަކުވާ ކުރިއެވެ.
ކަނޑުމައްޗަށް މާ ދުރުން ނުނިކުމެވޭތީ ދޯނި ވިއްކާލި ފަހުން މަސްވެރިކަން ވަނީ އުނދަގޫވެފައެވެ. އޭނާގެ އާމްދަނީ ކޮންމެ ފަހަރަކު ވެސް ބަދަލުވެއެވެ.
"ހުރިހާ ކަމެއް ވެސް ބަރޯސާވަނީ ކަނޑުގެ މައްޗަށް. މަސް ހިފޭނީ ކިހާވަރަކަށްތޯ." ހައްކު ބުންޏެވެ. ލިބޭ ހުރިހާ ލާރިއެއް ހަރަދުކުރަނީ. ރައްކާކުރާނެ އެއްވެސް ލާރިއެއް ނޯވެ. އެއް ދުވަހު ލާރި ރައްކާކޮށްފިނަމަ އަނެއް ދުވަހު އެ ލާރި ހަރަދުވެގެންދޭ. އެއްވެސް މަހެއް ނުބޭނޭ ނުވަތަ މާ މަދުން މަސްބޭނޭ ދުވަހެއް ނަމަ ލަކުޑި ކަނޑައިގެން އެ ވިއްކަނީ. ބައެއް ފަހަރު 300 ރުޕީސް (1.05 ޑޮލަރު) އަދި ބައެއް ފަހަރު 400 ރުޕީސް (1.40 ޑޮލަރު) ލިބޭނެ."
ކަންކަން އިތުރަށް ގޯސްވެގެން ދިޔައީ ފެކްޓްރީތަކުންނާއި ދަނޑުތަކުން ސިނާއީ އަދި ބަޔޮލޮޖިކަލް ކުނި މޫދަށް އެޅުމުން ފާއިތުވި އަހަރުތަކުގައި ކަނޑުގެ ދިރުންތަކަށް ގެއްލުން ވުމުންނެވެ. ކުރިން މި ފެނުގައި އުޅުނު ގިނަ މަހުގެ ބާވަތްތައް ވަނީ މަދުވެ ނުވަތަ މުޅިން ނެތިގެން ގޮސްފައެވެ.
ބާޒާރުގެ ރޭޓްތައް އުފުލިގެން ދިޔަ ނަމަވެސް މިއީ ކޮން ކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާ ހިފާ ބައެއް ކަކުނި ތަކަކީ ޗައިނާ އާއި ތައިލެންޑަށް އެކްސްޕޯޓް ކުރާ ކަކުނި ތަކެއްކަން އޭނާއަށް އެނގެއެވެ.
ހައްކުގެ ކަންބޮޑުވުމަކީ މިއަހަރު ހަރަދުތައް ބޮޑުވުމެވެ. "ވަކިން ހާއްސަކޮށް ކެއުމަށް." އޭނާ ބުނެލިއެވެ. އަދި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހައްކުގެ އަމިއްލަ ސިއްހަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. "މުސްކުޅިވަމުން މިދަނީ. ވަރަށް އަވަހަށް ވަރުބަލިވޭ." އޭނާ ބުންޏެވެ.
ދާދި ފަހުން ދެ ޑޮކްޓަރަކަށް ދެއްކުމުން ބުނީ ސްޓްރެސްގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެފައިވާ ކަމަށެވެ.
"އެއީ ހުރިހާ ހަރަދުތަކާއި މާލީ ބުރަކަމުގެ ސަބަބުން." އޭނާ ބުންޏެވެ.
"ހައްކު ވަރަށް ބުރަކޮށް މަސައްކަތް ކުރޭ. ހުރިހާ ތައުރީފެއްވެސް الله ތަޢާލާއަށް. އެކަމަކު ހަގީގަތުގައިވެސް، މިވޭތުވެދިޔަ އަހަރަކީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ އަހަރެއް. ހުސް ބަނޑާ އޮވެގެން ނިދަން ޖެހުނު ދުވަސްތަކެއް ވެސް ދިޔަ." އުމަރު ބުންޏެވެ.
އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހައްކު ވަނީ އޭނާގެ ހަރަދުތައް ދާގޮތް ބަލާފައެވެ.
ކާއެއްޗެހި: ހުރިހާ އެއްޗެއް ވެސް އަގު ބޮޑު
ހައްކު ބުނި ގޮތުގައި ރޮށި ހަދަން ބޭނުންކުރާ އާޓާ (ހޯލް ވީޓް ފުށް) ގެ ދެ ކިލޯއަށް 241 ރުޕީސް (0.85 ޑޮލަރު) ހަރަދުވެއެވެ. އެއީ އެންމެ އަގުބޮޑު އެއްޗެވެ. މިދިޔަ އަހަރު އޭގެ އަގަކީ 132 ރުޕީސް (0.46 ޑޮލަރު) ކަމަށް އޭނާގެ ގެ ކައިރީ އިންނަ ފިހާރައިން ބުނެއެވެ. ކައްކާ ތެލުގެ އަގު ވެސް ވަނީ އުފުލިފައެވެ.
ތަރުކާރީގެ އަގު ތަފާތުވެ، މީގެ އަހަރެއްހާ ދުވަސް ކުރިން ގިނަ ތަކެތީގެ އަގު މިހާރަށް ވުރެ މާ ބޮޑު ނަމަވެސް ހައްކު ގަންނަނީ ހަމައެކަނި އެދުވަހަށް ބޭނުންވާ އެއްޗެހި ކަމަށާއި އާންމުގޮތެއްގައި ހޭދަކުރަނީ 300-400 ރުޕީސް (1.10-1.40 ޑޮލަރު) އާ ދެމެދުގެ އަދަދެއް ކަމަށް ހައްކު ބުންޏެވެ. އަލުވި، ފިޔާ، ކުކުޅު އަދި ޓޮމާޓޯގެ އަގު ވަނީ އުފުލިފައެވެ.
"ބައެއް ފަހަރު ފިހާރައިން އަހަރެމެންނަށް ލޯނެއް ދީފާނެ. އަނެއްބައި ފަހަރު ނުދޭނެ." ހައްކު ބުންޏެވެ.
"އަހަރެން ކީއްކުރާނީ؟ ހުރިހާ ކަމެއް ވެސް ވަނީ އަގުބޮޑުވެފައި. އަހަރެންނަށްވެސް މި އުޅެވެނީ ހަމަ ކިރިޔާ." އެވާހަކަ އަޑު އިވިފައި ފިހާރައިގެ ބޮޑު މީހާ ބުންޏެވެ.
"އަހަރެން ކޭޓީ ބަންޑަރުގައި ބޮޑުވަމުން އައިއިރު ކޮންމެ ދުވަހަކު ވެސް ތާޒާ ބަފަލޯ ކިރު ބޮއެ އުޅުނިން." ހައްކު ކިޔައިދިނެވެ. "ސިޓީގައި ލިބެން ހުންނަ ގޮތަށް ފެނާ އެއްކޮށްފައެއް ނޫން ހުންނާނީ. އަހަރެމެން ކެއީވެސް އެންމެ ފެންވަރު ރަނގަޅު މަސްތައް. ބަޓަރު ހުންނާނީ ތާޒާކޮށް. ސިޓީގައި އެއްވެސް އެއްޗެއް ތާޒާއެއް ނޫން. އެހެންވީމަ މި ހުރިހާ ސިއްހީ މައްސަލަތަކެއް އަޅުގަނޑުމެންނަށް ދިމާވަނީ."
ފުށަށްފަހު ދެވަނައަށް އެންމެ ބޮޑު ހަރަދަކީ ކިރެވެ. އެމީހުން ދުވާލެއްގެ މައްޗަށް ބޯ ކިރު ލީޓަރެއްގެ އަގު 200 ރުޕީސް (0.70 ޑޮލަރު) އަށް އަރާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 120 ރުޕީސް (0.40 ޑޮލަރު) ގައެވެ. އާއިލާއިން ދުވާލަކު ދެ ތަށި ސައި ބޯލައެވެ. ގާތްގަނޑަކަށް ދެ ދުވަހަށް ދެމިގެންދާ އެއް ސައި ފޮއްޓެއްގެ އަގަކީ 180 ރުޕީސް (0.60 ޑޮލަރު) އެވެ. މިދިޔަ އަހަރު އޭގެ އަގު ހުރީ 113 ރުޕީސް (0.40 ޑޮލަރު) ގައެވެ.
އަދި ގިނައިން އެމީހުން އަމިއްލައަށް ބާނާ މަސް ކާއިރު، މަސް ގަންނަން ޖެހޭ ފަހަރަކު ވެސް ގަންނަނީ ކިލޯއެއް 500 ރުޕީސް (1.76 ޑޮލަރު) އަށެވެ.
2023: އެއް ދުވަހުގެ ތަރުކާރީ، ކިރު އަދި ސަޔަށް ގާތްގަނޑަކަށް 700ރ (2.45 ޑޮލަރު)
2022: މިދިޔަ އަހަރު ހަރަދުވީ ކިހާ ވަރެއްގެ ފައިސާއެއް ކަމެއް ހައްކު ހަނދާނެއް ނެތެވެ. އެކަމަކު މިދިޔަ އަހަރު ކާ އެއްޗެހީގެ އަގު ހެޔޮކަމަށް ހައްކު ބުންޏެވެ.
ހައްކުގެ ދޯންޏަށް ބޭނުންވާ ލަކުޑި
ހައްކު އާއި އުމަރުގެ ހުވަފެނަކީ ދަރިންނަށް ދޫކޮށްލެވޭނެ ދޯންޏެއް ބަނުމެވެ. އަލް ސިކަންދަރު ވިއްކުމަށްފަހު ގޭގެ ބޭރުގައި ބަހައްޓާފައި ހުރި ލަކުޑިތަކެއް ގަތެވެ. "އެއަށް އެއްލައްކަ ރުޕީސް (350 ޑޮލަރު) ހަރަދުވި." އުމަރު ބުންޏެވެ. އާއިލާއިން ރައްކާކުރި ފައިސާއާއި ރައްޓެއްސެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެން އެކަމަށް ފައިސާ ދެއްކިއެވެ.
"އެންމެ ފަހުން ދޯނި ހަދަން ދެ ލައްކަ ރުޕީސް (701 ޑޮލަރު) ހަރަދުވި ނަމަވެސް ހުރިހާ އެއްޗެއްގެ އަގު އުފުލިފައިވާތީ މި އާ ދޯނި ހަދަން 300،000 (1،052 ޑޮލަރު) އާއި ހަތަރު ލައްކަ (1،402 ޑޮލަރު) އާ ދެމެދުގެ އަދަދަކަށް ބޭނުންވާނެ." އުމަރު ކިޔައިދިނެވެ. "މިފަހަރު އަޅުގަނޑު ބޭނުން ކުރަނީ ރަނގަޅު ފެންވަރުގެ ލަކުޑި. އެއީ 20 އަހަރު ވަންދެން ދެމިހުންނާނެ ލަކުޑިއެއް. ނަޓުތަކާއި ބޯލްޓްގެ އަގު އެކަނި އެއްލައްކަ ރުޕީސް (350 ޑޮލަރު) އަދި އިންޖީނަކީ އިތުރު ލައްކައެއް."
އެމީހުން ބޭނުންވާ ވަރަށް ލަކުޑި އެއްވުމުން، ދޯނި ބަނުމުގެ މަސައްކަތް އުމަރު ފަށާނެއެވެ. "މަސައްކަތުގައި އެހީތެރިވާނެ ދެތިން ފިރިހެނުން ތިބި ނަމަ ދެ މަސް ދުވަހުގެ ތެރޭގައި އެކަން ނިންމާލެވޭނެ. އެއީ ހަމައެކަނި އަޅުގަނޑު ކަމަށްވަންޏާ އަހަރެއްހާ ދުވަސް ނަގާފާނެ. އެކަމަކު މަޑު މަޑުން ނަމަވެސް އަޅުގަނޑު އެކަން ކުރާނަން. މިއަހަރު ނޫންނަމަ އަންނަ އަހަރު. އަންނަ އަހަރު ނޫންނަމަ އޭގެ ފަހުން އަންނަ އަހަރު. އަހަރެން މަސައްކަތްކުރަން. އެކަން ވާނެ."
އުމަރު އިތުރަށް ބުންޏެވެ. "އަނބިމީހާ އަކީ ބިރުކުޑަ މީހެއް. އެކަމަކު އެ ކުޑަ ދޯނީގައި ކަނޑަށް ގޮސް އުޅޭތީ އަހަރެން ކަންބޮޑުވޭ. އަހަރެން އެދެނީ އޭނާ ސަލާމަތުން ހުރުމަށް. އަހަރެން މިކަން މިކުރަނީ އޭނައަށްޓަކާ."
ދޯންޏަށް ކިޔާނކޮން ނަމެއްތޯ އަހާލުމުން ހައްކު އިރުކޮޅަކު ވިސްނާލިއެވެ.
"الله މަދަދު" އޭނާ ބުނެލިއެވެ. "الله ތަޢާލާގެ އެހީތެރިކަން."
2023: ލަކުޑިއަށް 100،000 ރުޕީސް (350 ޑޮލަރު)
2022: އެއްވެސް ހަރަދެއް ނުކުރޭ
ސާފުތާހިރުކަމުގެ ބާވަތްތަކާއި މަސްވެރިކަމަށް ބޭނުންވާ ސާމާނު
އާއިލާއަށް ދެން ކުރާ ބޮޑު ހަރަދަކީ ސާފުތާހިރުކަމާއި މަސްވެރިކަމަށް ބޭނުންވާ ސާމާނެވެ. ސައިބޯނި ބާއެއްގެ އަގަކީ 130 ރުޕީސް (0.46 ޑޮލަރު) ކަމަށާއި މަހަކު ފަސް ނުވަތަ ހަ ސައިބޯނި ގަންނަން ޖެހޭ ކަމަށް ހައްކު ބުންޏެވެ. "މިދިޔަ އަހަރު ހުރީ 100 ރުޕީސް (0.35 ޑޮލަރު) އަށް ވުރެ ދަށުގައި." ހައްކު ބުންޏެވެ. އަދި އެމީހުން ފޭރާން ދޮންނަން ބޭނުންކުރާ ސައިބޯންޏަށް 30 ރުޕީސް އާއި 50 ރުޕީސް (0.10-0.18 ޑޮލަރާ ދެމެދު) އާއި ދެމެދުގެ އަގެއްގައި ލިބޭއިރު، އެ ދެމިގެން ދަނީ ހަފްތާއަކަށެވެ. މިދިޔަ އަހަރު އޭގެ އަގު ހުރީ 20-30 ރުޕީސް (0.07-0.10 ޑޮލަރު) ގައެވެ.
ކޮންމެ އަހަރަކު އެއްފަހަރު ހައްކު މަސް ބާނަން ބޭނުންވާ ކަންވާރު ގަނެއެވެ. "މި އަހަރު އަހަންނަށް 1،200 ރުޕީސް (ހަތަރު ޑޮލަރު) ހަރަދުވި. މިދިޔަ އަހަރު ގަތްއިރު 700 ރުޕީސް (ދެ ޑޮލަރު) ހަރަދުވި." އޭނާ ބުންޏެވެ. މަސް ރައްކާކުރުމަށްޓަކައި މަސް މާރުކޭޓުން ދުވާލެއްގެ މައްޗަށް 200 ރުޕީސް (0.70 ޑޮލަރު) ގެ އައިސް ގަނެއެވެ. އެންމެ އަގުބޮޑު އެއްޗަކީ މަސް ބާނަން ބޭނުންވާ އެމެވެ. އެން ވިއްކާ މީހެއްގެ އަތުން އެ ގަންނަނީ 1،000 ރުޕީސް (3.50 ޑޮލަރު) އަށެވެ.
2023: ކަންވާރަށް 1،200ރުޕީސް (4 ޑޮލަރު)
2022: 700 ރުޕީސް (2 ޑޮލަރު)
ހައްކުއަށް އަވަސް ހަ ސުވާލެއް
1- މިމަހު ދޫކޮށްލަން ޖެހުނު އެއް ކަމަކީ ކޮބައިހެއްޔެވެ؟ "ބަޓަރު." (އެކަމަކު ހަމައެކަނި މި މަހެއް ނޫން - މިއީ އެތައް އަހަރެއް ވަންދެން އާއިލާއަށް ނުލިބޭ މުއްސަނދި ކަމެއް)
2- މިމަހު މާލީ ގޮތުން ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުމަކީ ކޮބައިހެއްޔެވެ؟ "އަހަރެންގެ ހަށިގަނޑުގައި، ކަށިތަކުގައި ރިއްސަން ފަށައިފި. މުސްކުޅިވަމުން މިދަނީ. ބަލިކަށިކަން އިހުސާސް ކުރެވެނީ. އެހެންވީމާ، ދެ ހަފުތާވަންދެން މަސްބާނަން ބޭރަށް ނުނިކުމެ، އާމްދަނީ ނުލިބުމުގެ ސަބަބުން އަޅުގަނޑާއި އާއިލާއަށް ވަރަށް ބޮޑު ތަކުލީފެއް ކުރިމަތިވި."
3- މި މަހުން ފެށިގެން އެންމެ އަގުބޮޑު ހަރަދަކީ ކޮބައިހެއްޔެވެ؟ "ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ދެ ޑޮކްޓަރަކަށް ދެއްކިން. އެމީހުން ބޭސް ލިޔެ، 3،000 ރުޕީސް (10 ޑޮލަރު) އަށް ވުރެ ބޮޑު އަގެއް ހޭދަކުރަން ޖެހުނު. ބޭހުން އެހީވެދެނީ އިރުކޮޅަކަށް ނަމަވެސް، ދެން އެ ހުރިހާ ތަކުލީފުތަކެއް އެނބުރި އާދޭ."
4- މާލީ ގޮތުން އުނދަގޫވާ ހިނދު - އުނދަގޫ ދަނޑިވަޅުތަކުން އަރައިގަންނަނީ ކޮން ކަމަކުން ހެއްޔެވެ؟ "އާއިލާއިން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އާމްދަނީ ނުލިބިއްޖެނަމަ އާއިލާގެ އެހެން މީހަކަށް އިސްނަގައިގެން އާމްދަނީ ހޯދަން އެހީތެރިކަން ފޯރުކޮށްދެވިދާނެ."
5- ތިބާގެ އެންމެ ބޮޑު ފައިސާގެ ކަންބޮޑުވުމަކީ ކޮބައިހެއްޔެވެ؟ "ހަ އަހަރު ވީއިރު ވެސް އަހަރެމެންގެ ގެ މަރާމާތު ނުކުރެވޭ. ބިންގަނޑު ފަޅައިގެން ގޮސް ވާރޭ ވެހޭއިރު ސީލިންގްގެ ތެރެއިން ފެން ވަދޭ. މަރާމާތު ކުރުމުގެ މަސައްކަތަށް އެކަނި ވެސް 100،000 ރުޕީސް (350 ޑޮލަރު) ހަރަދުވާނެ"
6- އެންމެ ފަހުރުވެރިވާ ސޭވިންގް ހެކަކީ ކޮބާ؟ "ކަރަންޓު ބޭނުން ނުކުރޭ. މީގެ ތިން އަހަރު ކުރިން ގަތް މި ގޭގައި ސޯލާ އިން ދުއްވާ ލައިޓް ބަލްބެއް އެބަހުރި. އޭގެ އަގަކީ 6،000 ރުޕީސް (21 ޑޮލަރު).