ރާއްޖޭން އދ. ގެ އިތުރުން ދެ ގައުމަކަށް އާ ސަފީރުން އައްޔަނުކުރަން މަޖިލީހުގެ ރުހުން ހޯދަން ނަން ފޮނުވައިފިއެވެ.

މިގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކަކީ:

  • މުހައްމަދު ހުސައިން ޝަރީފް (މުންދު) - ޔޫއޭއީގެ ސަފީރު ކަމަށް
  • ޑރ. އިރުތިޝާމް އާދަމް - އިނގިރޭސިވިލާތުގެ ސަފީރު ކަމަށް
  • ޑރ. އަލީ ނަސީރު މުހައްމަދު - އދ. ގެ ދާއިމީ މަންދޫބު ކަމަށް

މި ތިން ބޭފުޅުން ވެސް ވަނީ ރާއްޖޭގެ ހާރިޖީ ދާއިރާ އާ ގުޅުންހުރި ކަންކަމުގައި ގިނަ ދުވަސް ވަންދެން މަސައްކަތްކުރައްވައިފައެވެ.

މީގެ ތެރެއިން މިހާރު އެމްބެސެޑާ އެޓް ލާޖްގެ މަގާމް ފުރުއްވަމުން ގެންދަވާ މުންދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ވަޒީރުކަން ކުރެއްވުމުގެ އިތުރުން ޖަޕާނުގައި ހުންނަވާ ސަފީރުކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.

ހަމަ އެއާއެކު ޔޫތު މިނިސްޓަރުކަން ކުރިން ކުރެއްވި އިރުތިޝާމް ވަނީ މީގެ ކުރިން އދ. ގައި ވެސް ރާއްޖޭގެ ފަރާތުން މަސައްކަތް ކުރައްވައިފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ ތިން ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުއްވައިފައެވެ.