ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު، ފާތިމަތު ސައުދާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
ޕީއެންސީގެ ޓިކެޓުގައި ނިލަންދޫ ދާއިރާއަށް ވާދަކުރެއްވުމަށް ސައުދާ ފޯމު ހުށަހަޅުއްވާފައިވާއިރު އެ ފޯމާ ހަވާލުވެވަޑައިގެންފައި ވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް އަބްދުﷲ އެވެ.
މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތް މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފައިވާ ސައުދާ ވަނީ އެވިޑް ކޮލެޖާއި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ވަޒީފާވެސް އަދާކުރައްވާފައެވެ.
ސައުދާ އިތުރުން އިތުރު ދެ ބޭފުޅުން ޕީއެންސީގެ ޓިކެޓުގައި ނިލަންދޫ ދާއިރާގެ ޕްރައިމަރީއަށް ވާދަކުރައްވާއިރު އެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހެވެ.
ޕީއެންސީ އިން ވަނީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުގެ އިރުއޮއްސި 6 ގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފައެވެ. ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންނަށް ކޯލިޝަން ކޮމިޓީއިން އެ ފުރުސަތު ހުޅުވާލާއިރު އެމްޑީއޭ އަދި އެމްއެންޕީ އާއި އެކު އެއްބަސްވާ ގޮތެއްގެ މަތިން ކޯލިޝަނުގެ ޕްރައިމަރީގައި ވާދަކުރެވޭނެއެވެ.
މި އިންތިހާބުގައި ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށްވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.