އިޒްރޭލުން ގާޒާ ސުންނާފަތި ކޮށްލުމުގެ ބޭނުމުގައި ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ރަޝިއާގެ އޮފިޝަލުން ވާހަކަ ދައްކަވާތީ ހިތްހަމަ ނުޖެހިގެން ނަތަންޔާހޫ ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިންއަށް ގުޅައިފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ހަމާސް އަށް އަމާޒުކޮށް ބުނީ, 'ޖިނާއީ ކުށްތައް ކުރާ ޓެރަރިސްޓުންގެ ހަމާލާތައް އަމާޒުވެފައި ވާ ކޮންމެ ގައުމަކުން އަމަލު ކުރާނީ އިޒްރޭލުން މިއަދު ކަންކުރާ ގޮތަށް, އެބާރާއި ނުފޫޒުގައި' ކަމަށެވެ.
މި ފޯން ކޯލުގައި ރަޝިއާގެ ރައީސް ދެއްކެވި ވާހަކަ ސާފު ނުވި ނަމަވެސް ރަޝިއާގެ އޮފިޝަލުން އދ ގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ އިތުރުން ބައިނަލްއަގުވާމީ އެކިއެކި ފޯރަމްތަކުގައި ގާޒާ ހަނގުރާމައިގެ ވާހަކަ ދައްކާއިރު އިޒްރޭލުގެ އުދުވާން ކުށްވެރި ކުރައްވަމުން ގެންދަވައެވެ. އެގޮތުން މިހާރު ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ދާ ދޯހާ ސަމިޓުގައި ރަޝިއާގެ ހާރިޖީ ވަޒީރު ސްރްގޭ ލަވްރޯވް ވިދާޅުވީ, އޮކްތޯބަރު 7, 2023 ގެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ އެންމެން ޝާމިލު ކޮށް އަދަބު ދިނުމަކީ އިޒްރޭލުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އަދި ހަމާސް އިން އެދުވަހު ދިން ހަމަލާއަކީ ހަމަ ކުއްލިއަކަށް ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ އެތައް ޒަމާނެއް ވަންދެން އިޒްރޭލުން އެމީހުން އަޅުވެތި ކޮށްފައި އޮތް އޮތުމުގެ ނަތީޖާ ކަމަށެވެ. އެގޮތުން އިޒްރޭލުގެ ދައުލަތް ގާއިމު ކޮށްދިން ފަދައިން ފަލަސްތީނުގެ ދައުލަތް ގާއިމު ކޮށްދޭން ބުނެ އެކަން ކޮށްދީފައި ނުވުމާއި, އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހިންގަމުންދާ ގޮށްމުށުގެ ބާރުގެ ނަތީޖާ ކަމަށެވެ.
އިޒްރޭލުން ވަނީ މިހާތަނަށް ފަލަސްތީނުގެ 17,700 މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ އަދަދު 7,700 އަށް އަރައެވެ. އަންހެނުންގެ އަދަދު 6000 އަށް އަރައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ޕުޓިން އަށް ގުޅި އިރު, އިއްޔެ އދ ގެ ސަމާލަތީ މަޖިލީހުގައި ހަމަލާތައް ހުއްޓާލަން ގޮވާލައި ވޯޓަށް އެހި ގަރާރު ފާށްވިޔަ ނުދީ ބޭރު ކޮށްލީ އެމެރިކާއިން ވީޓޯ ޕަވާ ބޭނުން ކޮށްގެންނެވެ. މި މައްސަލައިގައި އެމެރިކާއަށް ފާޑުވިދާޅުވެ ޕުޓިން ވިދާޅުވެފައި ވަނީ, އިޒްރޭލުން އަމިއްލަ ދިފާއުގައި ކަމަށް ބުނެ ގާޒާއަށް ދޭ ހަމަލާތަކަކީ އެމެރިކާގެ ފެއިލްވެފައިވާ ސިޔާސަތެއް ކަމަށާއި އިޒްރޭލާއި ފަލަސްތީނުގެ ދިގުލީ ހަމަނުޖެހުން ހައްލުކުރުމަށް ރަޝިއާއިން މެދުވެރިއެއްގެ ދައުރު އަދާކުރަން ތައްޔާރު ކަމަށެވެ. އަދި އެމެރިކާއިން އެ ގަރާރު ވީޓޯ ކުރުން ވެސް ރަޝިއާއިން ވަނީ ކުށްވެރި ކޮށްފައެވެ.
ނަތަންޔާހޫގެ ކޯލަކީ އެވާހަކަތަކާ ގުޅިގެން ކުރި ކޯލެކެވެ.
ނަތަންޔާހޫގެ ވާހަކަތަކުގައި ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ކުރާ ހަނގުރާމައަށް ނުސީދާކޮށް އަލިއަޅުވާލާފައި ވާ އިރު, ހާރިޖީ ވަޒީރު ލަވްރޯވް ވިދާޅުވީ, އެ އެޕަރޭޝަނަކީ ރަޝިއާއިން ޗޮއިސް އެއް އޮތް ކަމެއް ނޫން ކަމަށާއި, ދުރާލާ ރާވަމުން އެމެރިކާ އާއި ނޭޓޯ ބައިވެރި ވެ ރަޝިއާގެ ސަލަމާތަށް ނުަރއްކާ ކުރުމުގެ އައްޑަނައަކަށް ޔޫކްރައިން ހަދަމުން ގެންދިޔަ ކަމަށެވެ. އަދި މިއަދު ހިނގަމުން ދާ އޮޕަރޭޝަކީ އެ ރޭވުމުގެ ދަށުން ރަޝިއާގެ މުޅި ސަގާފަތާއި ރަޝިއާއަށް ނިސްބަތްވާ ހުރިހާ އެއްޗެއް ކެންސަލް ކޮށްލުމަށް ޔޫކްރައިން ލައްވާ ހިންގަމުން ދިޔަ ޖަރީމާއެއްގެ ނަތީޖާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ, ރަޝިއާގެ ބަހާއި, ސަގާފަތާއި މީޑިއާ އާއި އަދި ރަޝިއާ އާ ގުޅުން ހުރި ހުރިހާ ކަމެއް ނައްތާލުމަށް ނުވަތަ 'އެއްކޮށް ކެންސަލް' ކޮށްލުމަށް ގާނޫނެއްވެސް ފާސްކޮށްފައި ވާ ކަމަށެވެ. އެކަން އެހެން ވާން ދޫކޮށްލި ނަމަ ނަތީޖާއަކަށް ވާނީ, ޔޫކްރައިންގެ އިރުމައްޗާއި ދެކުނުގައި ދިރިއުޅޭ ޔޫކްރައިންގެ ރަޝިއާ މީހުންގެ ހައިސިއްޔަތު ނެތިގެން ދިޔުން ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ, މިއަދު އިޒްރޭލުން ގާޒާއާ ދެކޮޅަށް ހިންގަމުން ދަނީ އެފަދަ ކަމެއް ކަމަށާއި, މުޅި ފަލަސްތީނު ނައްތާލުމުގެ އަމަލެއް ކަމަށެވެ.