ރާއްޖޭގައި ތެލެސީމިއާ ބައްޔަށް ފަރުވާ ދިނުމަށާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހާއްސަ ހޮސްޕިޓާލެއް ގާއިމް ކުރަން ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުން މިއަދު އިއުލާން ކޮށްފައި ވަނީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވީ، އެ ހޮސްޕިޓަލް ގާއިމް ކުރާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެ ހޮސްޕިޓަލުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލެއަށް އަންނަން ޖެހޭ ފަރާތްތަކަށް ހޮސްޕިޓަލް ތެރޭގައި ހުރުން ވެސް ހަމަޖެހޭ ގޮތަށް އެތަން އިމާރާތްކުރަން ނިންމާފައިވާ ކަމަށެވެ.

ތެލެސީމިއާ ކުދިންނަށް ފަރުވާ ހޯދުމަށް ހުރި ދަތިތައް ހައްލުކޮށް ދިނުމަށާއި، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ސަރުކާރުން ނިންމާފައިވާ އިރު އެކަމާ ގުޅޭ މުހިއްމު ނިންމުންތަކެއް ވެސް ވަނީ ހިއްސާކޮށްފައެވެ. އެ ގޮތުން ކުރިއަށް އޮތް އަހަރުތެރޭ 5 ކުއްޖަކަށް ހިލޭ އެ ހިދުމަތް ހޯދުމަށް ފުރުސަތު ދޭން ނިންމާފައިވާ އިރު، ކުރިއަށް އޮތް މަދު ހަފްތާއެއްގެ ތެރޭގައި ފުރަތަމަ ކުއްޖާއަށް އެ ހިދުމަތް ދޭނެ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

މިވަގުތު ވެސް ބޯންމެރޯ ހެދުމަށް ލިސްޓްގައި ގިނަ ކުދިންތަކެއް އެބަ ތިބި ކަން ފާހަގަ ކުރައްވަމުން ފިރުޒުލް ވިދާޅުވީ، އެ ލިސްޓުގައި ތިބި ހުރިހާ ކުދިންނަށް ވެސް ބޯންމެރޯ ޓްރާންސްޕްލާންޓް ހިލޭ ހެދުމަށް މަގުފަހިކޮށް ދިނުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ލިސްޓްގައި ތިބި ކުދިންނަށް ފަރުވާ ދިނުމަށް ފަހު ސިސްޓެމެޓިކް ނިޒާމެއްގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ކޮލިފައިވާ ކޮންމެ ކުއްޖަކަށް ވެސް އެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ތެލެސީމިއާ ޓެސްޓުތައް ހެދުން ފުޅާ ކުރުމަށާއި، ރާއްޖޭގެ ޓާޝަރީ ހޮސްޕިޓަލްތަކުގައި ބްލަޑް ބޭންކް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ 20 އަހަރުގެ މާސްޓާ ޕްލޭން ގާއިމް ކުރެވިގެންދާ އިރު، ހާއްސަކޮށް ތެލެސީމިއާ ބައްޔަށް ޕްލޭނެއް ގާއިމް ކޮށް ހޭލުންތެރި ކުރުވުމުގެ ނިޒާމް ހިމެނޭހެން އެކިއެކި މަސައްކަތްތައް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އެގޮތުން އެކި މުއައްސަސާތަކާއި ސްކޫލްތަކުގައި ވެސް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ސްކޫލް ނިމުމުގެ ކުރިން މީގެ ކުރިން ވެސް ކުރިއަށް ގެންދިޔަ ގްރޭޑް 10ގެ ދަރިވަރުން ތެލެސީމިއާ ޓެސްޓް ހެދުމުގެ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ފުޅާ ގޮތެއްގައި ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.