ތޫނު އެއްޗަކުން ހަމަލާދީ މަރާލި ސ. ހިތަދޫ، އިޒުމީރު، މުހައްމަދު އަހްމަދުދީދީގެ މަރުގެ މައްސަލައިގައި 2 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އުމުރުން 30 އަހަރުގެ މުހައްމަދު އަހްމަދުދީދީ މާފަންނު "ކްލާސާ" ފިހާރައިގައި ހުއްޓާ ތޫނު އެއްޗަކުން އޭނާއަށް ހަމާލާދީފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 9:30 ހާއިރުއެވެ.

ޕީޖީ އޮފީހުން ބުނީ "ކްލާސާ" ފިހާރަ ތެރެއަށް ބަޔަކު މީހުން ވަދެ އެ ފިހާރަތެރޭގައި ހުރި މުހައްމަދު އަހްމަދުދީދީ އަށް ތޫނު ހަތިޔާރުން ހަމަލާދީ ޒަހަމްކޮށްލާފައި ވުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދެމުން ދަނިކޮށް މުހައްމަދު އަހްމަދުދީދީ މަރުވެފައިވާ މައްސަލައިގައި 2 މީހެއްގެ މައްޗަށް ދައުވާ ކުރަން މިދިޔަ މަހުގެ 30 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެެވެ.

މި މައްސަލާގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު އަދި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. ފައިހް އަދި ސިރުހާން ގެ މައްޗަށް ދައުލަތުން ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މި 2 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފައެވެ. ފައިހު ކުރިން ބަންދުގައި ހުރީ ޑެ ޕަބްލިކް ކެފޭތެރޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ކަމަށްވީ ނަމަވެސް މިހާރު އޭނާ ބަންދުގައި ބަހައްޓާފައި ހުރީ މި މައްސަލައާ ގުޅިގެންނެވެ.

ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މުހައްމަދު އަހްމަދުދީދީ މަރުވެފައި ވަނީ ފެބްރުއަރީ 27 ވަަނަ ދުވަހުގެ ހެނދުނު 6:45 ހާއިރުއެވެ. އައިޖީއެމްއެޗަށް ގެންގޮސް އޭނާ އަށް ފަރުވާ ދީފައިވަނީ އައިސީޔޫގައި، ވެންޓިލޭޓަރުގައެވެ.