ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސް އަށް މެންބަރުން އިތުރުކުރުމަށް ބޮޑު ކެމްޕެއިނެއް ފަށައިފިއެވެ.

'މީހަކު މީހެެއް' ނަމުގައި ފެށި މި ކެމްޕެއިނާ ގުޅޭ ގޮތުން ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ މިއީ ކޮންމެ މެންބަރަކު އިތުރު މެންބަރަކު އެ ޕާޓީއަށް ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަަމަށެވެ. އަދި އެ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ޕާޓީގެ މެންބަރުންގެ އަދަދު 10،000 އިތުރުކުރަން ކަމުގައި ހަސަން ލަތީފު ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ލަތީފު ވިދާޅުވީ މި ކުރު މުއްދަތުގެ ތެރޭގައި ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށް ހުރިހާ މެންބަރުންވެސް އަމާޒު ހިފާފައިވާކަމަށާ އުއްމީދަކީ އަހަރު ނިމުމުގެ ކުރިން 10،000 މެންބަރުން ހަމަކޮށް ޕާޓީ އިތުރަށް ވަރުގަދަކުރުންކަމަށެވެ. އަދި އެޕާޓީގެ ދެން އޮތް އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އެންމެ ބޮޑެތި ޕާޓީތަކުގެ ތެރޭގައި ގުނޭ ވަރަށް މެންބަރުން އިތުރުކުރުން ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރެޓްސް އަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މިހާރު ފުވައްމުލައް ސިޓީގައި ހަރަކާތްތެރިވަމުން އަންނަ އެ ޕާޓީޣެ ވިމެން ޑިމޮކްރެޓްސް ލީޑަރު ފާތިމަތު ހަމްދާ މުހައްމަދު ބުނީ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް އާ ހިތްވަރަކާއެކު ފަށާފައިވާކަމަށެވެ. އަދި ސިޔާސީ ގޮތުން މިހާ ހަލަބޮލި ދުވަސްވަރެއްގައި އެ ޕާޓީއާއި ގުޅެމުންދާ މެންބަރުންނަށް ހަމްދާ ވަނީ މަރުހަބާ ކިޔާފައެވެ

އެންމެ ފަހުން އީސީއިން އަޕްޑޭޓްކޮށްފައިވާ ހިސާބުތަކަަށް ބަލާއިރު މި އަހަރުގެ އޮގަސްޓްމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އީސީގެ ދަފުތަރުގައި ހިމެނޭ ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދަކީ 3280 އެވެ. އެހެންނަމަވެސް ދާދިފަހުން ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި 5000 އަށް ވުރެ ގިނަ މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް ޕާޓީގެ ދަފްތަރުން ދައްކައެވެ.