"ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރޭ ޖެނީވާއަށް ވަޑައިގެންފިއެވެ.

އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ، "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 11 އަދި 12 ވަނަ ދުވަހުގައެވެ.

ނައިބުރައީސްގެ މި ދަތުރުފުޅުގައި، އދ ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ ހިއުމަން ރައިޓްސް 75 ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އިންސާނީ ހައްގުތަކުގެ މުސްތަގްބަލު، ތިމާވެށި އަދި މޫސުން" މި މައުޟޫތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ވަށްމޭޒު ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި މި ހަރަކާތުގެ ތެރެއިން ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނާ އދ ގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނައިބު ރައީސް ޖެނީވާއަށް ވަޑައިގަތީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހުއެވެ.