އައްޑޫ ސިޓީގައި ފެނުގެ ހިދުމަތް ދިނުމަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށް ކުރިއަށް އޮތް 3 ގަޑިއިރު ތެރޭ ފެނުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑުނީ ބުރާސްފަތި ދުވަހު އެވެ. މައްސަލައަށް ހައްލު ނުލިބި ތިން ދުވަސްވެފައި ވާއިރު އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައްސަލަ މިހާރު އެއްކޮށް ހައްލުކޮށް ޕްލާންޓް ހިންގާފައިވާ ކަމަށާއި ކުރިއަށް އޮތް 3 ގަޑިއިރެއްހާއިރު ތެރޭ ފެނުގެ ހިދުމަތް އަލުން ދޭނެ ކަމަށެވެ.

މި މައްސަލަ ފެން ޕްލާންޓަށް ދިމާވެފައި ވަނީ ތާވަލު ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަންދީފައި ނުވާތީ އާއި ޔުޓިލިޓީ އޮތޯރިޓީން ނިޒާމުގެ އިންސްޕެކްޓްކޮށް ހައްލު ކުރަންޖެހޭ ކަންކަން އަންގާފައިވާ އުސޫލުގެ މަތިން ކޮށްފައި ނުވާތީ ކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ. އަދި ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނުގެ ހިދުމަތް މެދުކެނޑިފައި ވަނީ އެކަށީގެންވާ ވަރަށް ފެނުގެ ސްޓޯރޭޖް ގާއިމް ކޮށްފައި ނުވާތީ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ކުރިއަށް އޮތްތަނުގައި އެކަންކަމަށް ހާއްސަ ސަމާލު ކަމެއް ދީ ހިދުމަތް ރަނގަޅު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހަރުދަނާ އިންތިޒާމުތަކެއްގެ ތެރެއިން ކުރާނެ ކަމުގެ ޔަގީންކަން ފެނަކައިން ދީފައިވެއެވެ. އެގޮތުން ފެނުގެ ސްޓޯރޭޖް އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭ ވުޒަާރާތަކާ ގުޅިގެން ކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

"އަދި މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޯށްދީ ފަންނީ އެހީތެރިކަން ދިނުމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓާއި އޮޕަރޭޝަނަލް އަދި ފަންނީ މުވައްޒަފުންގެ ފަރާތުން ދިން ފުރިހަމަ އެއްބާރުލުމަށް ޝުކުރު ދަންނަވަން" ބަޔާނުގައި ވެއެވެ. އަދި މި ދަތި ވަގުތުގައި އައްޑޫ ރައްޔިތުންގެ ކިބައިން ދެއްކި ނަމޫނާ އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މައްސަލަ ދިމާވި ވީއެފްޑީ ނުވަތަ ސްޕެއާ ޕާޓްގައި ގާތްގަނޑަކަށް 75 ކިލޯ ހުންނަ ކަމަށާއި އެ ވަރުގެ ވީއެފްޑީ ބެކަޕްކޮށް ކުންފުނީގައި ނުހުންނަ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މައްސަލަ ހައްލު ކުރުމަށް އިއްޔެ ވީއެފްޑީއެއް ފޮނުވި ނަމަވެސް އެ ވީއެފްޑީއަށް މައްސަލަ ދިމާވުމުން އަނެއްކާ ވަނީ މިއަދު މެންދުރު ފަހު އާ ވީއެފްޑީއެއް ފޮނުވާފައެވެ.

އެ ވީއެފްޑީ ހޯދާފައި ވަނީ އެމްޑަބްލިޔުއެސްސީ އިންނެވެ. އަދި ވީއެފްޑީ ހިފައިގެން އެމްޑަބްލިޔުއެސްސީގެ އިންޖިނިއަރުންގެ ހާއްސަ ޓީމެއް އައްޑޫއަށް ވަނީ ގޮސްފައެވެ. ދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ހާއިރު ވީއެފްޑީއަށް މައްސަލަ ދިމާވި ނަމަވެސް ސްޓޯރޭޖްގައި ހުރި ފެން ހުސްވެ ފެނުގެ ހިދުމަތް މުޅިން ކެނޑިފައި ވަނީ އެ ދުވަހުގެ މެންދުރު 12:00 ހާއިރު އެވެ.

ވީއެފްޑީ ޑްރައިވް އަށް ދިމާވި މައްސަލަ ދެނެގަތުމަށް ވަގުތު ނަގާފައި ވަނީ ހިތަދޫ އާރްއޯ ޕްލާންޓުގެ ވީއެފްޑީގެ ޑިސްޕްލޭ ހަލާކުވެފައި ވުމުން ކަމަށް ފެނަކައިން ބުނެއެވެ. އަދި އާރްއޯ ޕްލާންޓްގެ މައްސަލަ ދެނެގަނެފައި ވަނީ ހުޅުދޫއިން ޑިސްޕްލޭ ޔުނިޓެއް ގެންގޮސްގެން ކަމަށް ވެސް ފެނަކައިން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ.