މޮރިޝަސްގައި ބޭއްވި ކޮލަމްބޯގެ ސެކިއުރިޓީ ޑައިލޮގްގައި ރާއްޖެއިން ބައިވެރިނުވާ ކަން ހާމަވެއްޖެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ވިއޮން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އިންޑިއާ ކަނޑުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ސަލާމަތާއި އެއްބާރުލުން ދިނުމުގެ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރި ވެފައެއް ނުވެއެވެ. ކޮލަމްބޯ ސެކިއުރިޓީ ޑައިލޮގްގައި އިންޑިއާ، ރާއްޖެ، މޮރިޝަސް އަދި ސްރީލަންކާ ހިމެނޭ އިރު، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މައްޗަށް ވަނީ މަޝްވަރާ ކޮށްފައި ކަމަށް އެ ނޫހުން ބުނެއެވެ.

އިއްޔެ އިން މިއަދަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިވީ އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން އެކަންޏެވެ. އަދި ރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވެފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައި ވެއެވެ.

ރާއްޖެ އާއި މޮރިޝަސް އާ ދެމެދު ސިޔާސީ މައްސަލައެއް ނެތް ނަމަވެސް ދެގައުމުގެ ދެމެދުން ފުށޫ އަރާ ކަނޑުގެ ސަރަަހައްދު ރާއްޖެއިން ދޫކޮށްލި މައްސަލައިގައި ދިވެހިން، ދިވެހި ސަރުކާރާ ދެކޮޅަށް ކުރި އިހުތިޖާޖުތަކާ ގުޅިގެން މޮރިޝަސްގެ ނޫސްތަކުގައި ދިވެހިންގެ ވިސްނުމާ މެދު ސުވާލު އުފެއްދިއެވެ. ރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރި ނުވީ، ރާއްޖޭގައި މިހާރު އޮތް ސަރުކާރަކީ 'ކަނޑު ވިއްކާލުމާ ދެކޮޅަށް' އަޑުއުފުލާ ވެރިކަމަށް އައިސްފައިވާ ސަރުކާރަކަށް ވުމާއި ކަނޑުގެ މައްސަލަ އަލުން ނަގަން ރާއްޖެއިން މަސައްކަތް ކުރާތީ ކަމަށް ބެލެވެއެވެ. ނަމަވެސް މިކަމަށް ސަރުކާރުން އަދި ކޮމެންޓް ކޮށްފައެއް ނުވެއެވެ.

ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅުމުގައި އިޓްލޮސްއިން ނިންމި ގޮތަށް ފުށޫއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންސްގެ ދަށުން މިހާރު ވަނީ ބަހާ ނިންމާލައިފައެވެ. އިކުއި ޑިސްޓެންސްގެ ދަށުން ފުށުއަރާ ސަރަހައްދު ބަހާލުމުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ކުރީގެ ސަރުކާރަށް އަމާޒުވެފައިވީ ނަމަވެސް އިކުއި ޑިސްޓެންސްކޮށް އެ ސަރަހައްދު ބަހާލުން އެ ސަރުކާރުން ސިފަކޮށްފައި ވަނީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ.

އެހެންކަމުން އެކަމާ ދެކޮޅަށް ރިޔާސީ ކެމްޕެއިންގައި ވާހަކަ ދެއްކެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސޯ (އިޓްލޮސް)އިން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި މަސައްކަތަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ 10 މިލިއަން ރުފިޔާވެސް ހިމަނާފައެވެ.