އައްޑޫގައި ހިންގި މާރާމާރީތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހޯދަމުން ދިޔަ މީހަކު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.

އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ ޖުމްލަ 11 މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި 11 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފައިވާއިރު ބާކީ ތިބި 10 މީހުންގެ ތެރެއިން ބައެއް މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. ދެން ތިބި މީހުންގެ ބަންދަށް އެކި މުއްދަތުތައް ކޯޓުން އިތުރުކޮށްދީފައި ވެއެވެ.

ފުލުހުން ބުނީ އައްޑޫގައި ހިންގި ދެ މާރާމާރީގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ހޯދަމުން ދިޔަ 29 އަހަރުގެ ފިރިހެނަކު މިއަދު އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށް މައުލޫމާތު ދިނެވެ.

އެ މާރާމާރީތަކުގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. އައްޑޫގައި މާރާމާރީތައް އިތުރުވުމާ ގުޅިގެން ފުލުހުން ދަނީ ހާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ.

އެ އޮޕަރޭޝަންގައި ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާ އިރު، މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ފުލުހުން ވަނީ ހޯދާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ދެ ގޭންގްގެ މެދުގައި ސިލްސިލާ މާރާމާރީ ތަކެއް ހިންގަމުންދަނީ ފާރުގައި ކުރަހާފައިވާ ގްރެފިޓީތަކެއްގެ މައްސަލައިގައެވެ.