ތިން ފަހަރެއްގެ މަތިން ތާރީހު އާ ކުރުމަށް ފަހު ވެސް ނުނިމި އޮތް އަމީނީމަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް، އާރުޑީސީން ބުނެފިއެވެ.
ކުރީ ސަރުކާރުން އާރުޑީސީ އާ އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އޭގެ ތިން މަސް ފަހުން މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފަށައި، ހައުސިން މިނިސްޓްރީގެ އިދާރާ އާ ހަމައަށް ވަނީ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފައެވެ.
މިދިޔަ ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ:
- އަމީނީމަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފެށުމުން ދިމާވާނެ ދަތިތައް ހައްލުކުރުމާ މެދު ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށް
- ފުލުހުންގެ އެހީތެރިކަމާ އެކު މަގުގެ ޓްރެފިކަށް ދިމާވާނެ ދަތިތަކަށް ހައްލު ގެނައުމަށް ނިންމާފައިވާ ކަމަށް
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އާރުޑީސީން ބުނީ، އަމީނީމަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފަށަން ހޮނިހިރު ދުވަހު ނިންމާފައިވާ ކަމަށާއި، މަސައްކަތް ފެށުމުން ޓްރެފިކަށް އަންނާނެ ބަދަލުތައް ފުލުހުން ހިއްސާކުރާނެ ކަމަށެވެ. އަމީނީމަގުގެ ފަހު ދެ ސެގްމެންޓަކީ ހައުސިން މިނިސްޓްރީގެ އިދާރާ އިން ފެށިގެން ދިރާގު ހެޑް އޮފީހުގެ ނިޔަލަށް އޮންނަ ސަރަހައްދެވެ.
84.4 މިލިއަން ރުފިޔާ އަށް އަމީނީމަގުގެ މަޝްރޫއު އާރުޑީސީ އާ ހަވާލުކުރީ އަމަލީ މަސައްކަތް ފަށާތާ ހަތް މަސް ދުވަހުން ނިންމާ ގޮތަށެވެ. އޭގެ ފަހުން ވެސް ހަތް މަސް އިތުރުކޮށް އަމީނީމަގުގެ މަސައްކަތް ނުނިމުމުން ދެން ނިންމީ ރިޔާސީ އިންތިހާބު ނިމުމުން މަސައްކަތް ފަށާ ގޮތަށެވެ. އެންމެ ފަހުން ކުރީ ސަރުކާރުން ބުނީ، މި ސަރުކާރުން އަމީނީމަގުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށެވެ.