ކުރިއަށް އޮތް އިންތިހާބުތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީއިން ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއެކު މަޝްވަރާ ކޮށްފިއެވެ.
ކުރިއަށް އޮތް އިންތިހާބުތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޖޭޕީގެ އޮފިޝަލުންނާ އެކު އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.
އެމްޑީޕީއިން ބުނީ އެ ބައްދަލުވުމުގައި ދެ ޕާޓީގެ ވާހަކަތަކަށް ފަހު, ކުރިއަށް އޮތް އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަކީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއާއެކު ގައުމަށް ދިމާވާ މުހިންމު ދަނޑިވަޅުތަކުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެއް ކަން އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ބަލާއިރު ޖޭޕީއަކީ 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އެއްބާރުލުންދީ ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ޕާޓީއެއް ކަމަށް ވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.
އިންތިހާބުތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް ވަނީ ޖޭޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް އެ މަޝްވަރާ ބައްދަލުވުމުގައި ނިމުނު ގޮތަށް ޖޭޕީއާއެކު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.