ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް-6 ގެ އެޕާޓްމަންޓެއްގައި ހިނގި މާރާމާރީ އާ ގުޅިގެން 19 އަހަރުގެ ދިވެއްސަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މާރާމާރީ އާ ގުޅިގެން ރޭ މީހަކު ހައްޔަރު ކޮށްފައި ވާއިރު ތޫނު އެއްޗަކުން ހަމަލާ ދިނުމާ ގުޅިގެން ޒަހަމްވި 22 އަހަރުގެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި މާރާމާރީ ހިނގާފައި ވަނީ އައިލާ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ކަން އެނގިފައި ވާކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އިއްޔެ މެންދުރު ދޭއް ޖަހާކަށްހާއިރު މާލޭ އޯކިޑް މަގުގައި ހުންނަ ރޫޓް ފިހާރަ ކައިރިގައި ވެސް މާރާމާރީއެއް ވަނީ ހިނގާފައެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ގައި ފަރުވާދެމުން އަންނައިރު ފުލުހުން އަންނަނީ މި މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ހިނގި މާރާމަރީއެއްގައި އަނިޔާވި އެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، މި މާރާމާރީ އާ ގުޅިގެން މިހާތަނަށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މާލެ ސިޓީ އާއި އައްޑޫ ސިޓީގައި މާރާމާރީތައް އިތުރުވުމާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ.