ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ބައެއް ނަތިޖާތައް ބާތިލްކޮށް، އަލުން ވޯޓުލާން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ހުށަހެޅިފައިވާ މައްސަލަތަކަށް ބެލުމަށް ފަހު ޔަންގް ލީޑަރުގެ ނަތީޖާ ބާތިލްކޮށްފައިވާ ކަަމަށެވެ.

ނަތީޖާ ބާތިލް ކުރީ އިންތިހާބު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ހެދިފައިވާ ގޯހަކުން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. "ޒުވާނުން ތިބި އަދަދަަށްވުރެ އިތުރަށް ވޯޓު ކަރުދާސް އަޅުގަނޑުމެންނަށް ދޫކުރެވިފައިވާތީ، އެ ފޮށިތައް އަޅުގަނޑުމެން މި ވަނީ ބާތިލް ކޮށްފައި" އާޒިމް ވިދާޅުވިއެވެ. ވޯޓާ ގުޅިގެން ފޮށިތަކެއްގެ ވޯޓު ބާތިލް ކުރިއިރު، މިހާރު ވާދަ ކުރި މެންބަރުންނަށްވެސް އެކަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަންގް ޑިމޮކްރެޓްސްގެ ވޯޓާއި ގުޅިގެން ބާތިލް ކުރި ފޮށިތަކަކީ:

ބ. ދަރަވަންދޫ، ބ. ފެހެންދޫ، ބ. ގޮއިދޫ، ބ. ކުޑަރިކިލި، ގދ. ގައްދޫ، ހއ. ހޯރަފުށި، ހދ. ނޭކުރެންދޫ، ރ. އަލިފުށި، ށ. މާއުނގޫދޫ، ތ. ކިނބިދޫ، ހދ. ނޮޅިވަރަމް، ނ. މިލަދޫ، ބ. މާޅޮަސް، ނ. މާފަރު އެވެ.

އެ ޕާޓީގެ ޒުވާނުންގެ ލީޑަރު (ޔަންގް ލީޑަރު) ގެ މަގާމަށް ކުރިމަތިލާފައި ވަނީ މުހައްމަދު މާސިހު އާއި ޔޫސުފް ޝާހު އެވެ. އަދި ޔަންގް ލީޑަރުގެ ނައިބު ކަމަށް ކުރިމަތިލާފައި ވަނީ ފިތުރާ މުހައްމަދާއި ހައްމަދު އަޒްވަރު އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ކުރިއަށް ގެންގޮސްފައިވާއިރު އިންތިހާބުގެ ނަތީޖާ އިއުލާނު ކުރުން ލަސްވެ، މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން ވެސް އުފެދިފައެވެ. މިއިންތިހާބުގައި 5،883 މީހަކަށް ވޯޓު ލުމުގެ ހައްގުލިބިގެންވާއިރު، ވޯޓުލާފައިވަނީ 3،209 މީހެކެވެ.

ޕާޓީގެ ރައީސްގެ މަގާމަށް ހަސަން ލަތީފް އިންތިހާބުވެ ވަޑައިގެންފައި ވަނީ 1704 ވޯޓާއެކުއެވެ. ހަސަން ލަތީފްއާ ވާދަ ކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އަށް ލިބިވަޑައިގެންނެވީ، 1،300 ވޯޓެވެ.

އެ މަގާމުތަކަށް އަލުން މީހުން ހޮވުމަށް އިންތިހާބު ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.