އަންނަ އަހަރުގެ ކިޔެވުން ފެށިގެން ކޮންމެ ދުވަހަކުވެސް ގައުމީ ސަލާމުން ސްކޫލުތަކުގެ ސެޝަން ފަށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިކަން ހާމަކުރައްވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިކަން ކުރުމުގެ ބޭނުމަކީ ގައުމީ ލަވަ، ގައުމީ ދިދަ އަދި ގައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުން ކަމަށެވެ. އަދި ގައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައި ވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އިސްލާމްދީން، ގައުމިއްޔަތު، ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ސްކޫލްތަކުގައި ގައުމީ ފެންވަރުގެ ހާއްސަ ޕްރޮގްރާމުތައް ހިންގަންފެށުން އެއީ ސަރުކާރުގެ "ހަފުތާ 14" މަގުޗާޓުގައިވެސް ހިމެނޭ ކަމެކެވެ.