ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓުން 50 ޕަސެންޓް ކުޑަކުރަން ނިންމާއި، މަހު ކުއްޔަށް ދައްކާ ފައިސާއިން 4200 ރުފިޔާ އުނިކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު މުއިއްޒު ވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކުގެ ކުލި އަދި ޑައުންޕޭމަންޓް ކުޑަކޮށްދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ. ބޯހިޔާވަހިކަމުގެ ކަންކަމާ ގުޅިގެން އެމަނިކުފާނު ވެވަޑައިގެން ވައުދުފުޅުގެ ތެރެއިން ތިން ކަމެއް ފުއްދަަވަން މިއަދު ވަނީ ކެބިނެޓްގައި ފާސްކޮށްފައެވެ.

ކެބިނެޓްގައި ފާސްކުރި ކަންކަން ހާމަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވިނަރެސް ފްލެތްތަކުގެ ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކާ ފައިސާއިން 50 ޕަސެންޓް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު މަހުން މަހަށް މިހާރު ދައްކާ ކުލީގެ އަދަދުން އެވްރެޖްކޮށް 4200 އުނިވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވިނަރެސް ފްލެތްގެ ޑައުންޕޭމަންޓަކީ އެކި ފަރާތްތަކުން އެކި ވަރަށް ދައްކަމުންދާ އަދަދުކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އެ ބަޔަކު ދައްކާ އަދަދުން 50 ޕަސެންޓް ކުޑަކުރައްވާނެ ކަމަށެވެ. އަދި ޑައުންޕޭމަންޓަށް ދައްކާ ފައިސާ ކުލިން އުނިވާ ގޮތަށް އެވްރެޖްކޮށް މަހުންމަހަށް ދައްކާ ކުލިން 4200 ރުފިޔާ އުނިވާނެ ކަމަށާއި އެކަމަށް ވަކި ފޯމިއުލާއެއް ހަދާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާގެ ސީއެމްއީސީން އަޅަން ފެށި ވިނަރެސް ފްލެޓުތަކުގެ މަސައްކަތްތައް ނިންމާލައި އާބަންކޯ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން 20 ގައެވެ. ވިނަރެސް ފްލެޓުތައް އިމާރާތްކޮށްފައި ވަނީ ފަސޭހައިން ކުނި އުކޭ ގޮތަށް ކޮންމެ ފަންގިފިލާއެއްގައި ގާބޭޖް ޝޫޓެއް ހިމަނައި، އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަލިފާން ވެސް ފަސޭހައިން ނިއްވާލެވޭ ފަދަ ގޮތަކަށެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތްކުރި 10 ޓަވަރުގައި ޖުމްލަ 1،344 އެޕާޓްމެންޓު ހިމެނެއެވެ. ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބެލްކަންޏެއް ހިމެނޭ ގޮތަށް އިމާރާތްކުރި އެޕާޓްމަންޓުތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގައެވެ.