މިދިޔަ ސަރުކާރުން ހުށަހެޅި ކުންފުނީގެ ބިލު މަޖިލީހުން، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މިއަދު ފާސްކޮށްފިއެވެ.

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހުށަހެޅުއްވި އެ ބިލު އިގްތިސޯދީ ކޮމިޓީން ދިރާސާކޮށް ނިންމުމަށް ފަހު ބިލު ފާސްކުރަން ފުރަތަމަ އެޖެންޑާކުރީ އިއްޔެގެ ޖަލްސާއަށެވެ. ނަމަވެސް ވޯޓަށް އަހަން ބޭނުންވާ 44 މެންބަރުންގެ ކޯރަމް ހަމަނުވުމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ މި ބިލު ފާސްކުރުން މިއަދަށް އެޖެންޑާކުރުމަށެވެ.

އެހެންކަމުން ވޯޓު ގަޑީގައި މި ބިލަށް ވޯޓަށް އެހުމުން، ބިލު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 53 މެންބަރުންނެވެ. އެއް މެންބަރަކު ވަނީ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.

މިއަދު ފާސްކުރި ކުންފުނީގެ ބިލުގައި ކުންފުނިތައް އުފައްދައި ރެޖިސްޓްރީކުރުމާއި، ކުންފުނިތައް ހިންގުމާއި އުވާލުމުގެ ހަމަތަކާއި މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ކުންފުނިތަކަށް ބަދަލު ގެނައުން ފަދަ ބައިތައް ހިމަނާފައިވެއެވެ.

މިހާރު އަމަލުކުރަމުން ދަނީ 25 އަހަރު ކުރިން އެކުލަވާލާފައިވާ ކުންފުންޏާ ބެހޭ ގާނޫނަށެވެ. އެހެންކަމުން މިއަދު ފާސްކުރި ކުންފުނީގެ ބިލު ތަސްދީގުކުރުމުން މިހާރު އަމަލުކުރަމުންދާ ގާނޫނު އުވިގެންދާނެއެވެ.