ޗާގޮސް މައްސަލައިގައި ދިވެހިންނަށް ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ދިވެހިންނަށް އަނބުރާ ހޯއްދަވައި ދެއްވުމަށް ވީހާވެސް އަވަހަކަށް މަސައްކަތް ފައްޓަވައިދެއްވުމަށް ރައީސް ޑރ.މުއިއްޒުގެ އަރިހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.

ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން މީގެ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލުމާ ގުޅިގެން، އެކަމަށް އިޝާރަތްކުރައްވާ ގާސިމު 'އެކްސް' ގައި ވިދާޅުވީ އިނގިރޭސި ދައުލަތުން ޗާގޮސް އެކިޕެލާގޯ، މޮރިޝަސް އާއި ހަވާލު ކުރުމަށް ކުރިން ނިންމި ނިންމުން ބަދަލު ކުރިކަން އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި، އިޓްލޮސް ގެ ނިންމުމާއި އެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް އަވަހަށް މަސައްކަތްކުރެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ކެންޕޭނުގައި، ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެކަމަށް ވައުދުވެ ވަޑައިގެންފައި ކަމަށެވެ. އެހެންކަމުން މިމައްސަލަ އަކީ ފާއިތުވި ރިޔާސީ އިންތިހާބުގައި ހައްލުހޯދުމުގެ އަޒުމުގައި ނުހަނު ބޮޑަށް ވަކާލާތު ކުރި ގައުމީ މައްސަލައެއް ކަމުގައެވެ.

އިނގިރޭސި ދައުލަތުން ފަހުން ނިންމާފައި ވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަންކުރަމުން އައި ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވަން ޖެހޭކަމަށެެވެ. "ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނޭކަމަށް އަޅުގަނޑު ޔަގީންކުރަން. އަދި މި މަސައްކަތުގައި މަނިކުފާނަށް ދެއްވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އަޅުގަނޑާ އަޅުގަނޑުގެ ޕާޓީން ތައްޔާރަށް އޮތްވާހަކަވެސް ދަންނަވަން." ގާސިމް ވިދާޅުވިއެެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމި ގޮތުން ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ގެއްލުނުއިރު، ރައީސް މުއިއްޒުވަނި ރާއްޖެގެ ކަނޑުން ގެއްލުނު ސަރަހައްދު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.