ރަޝިއާއިން އިން ޔޫކްރައިން އާ ދެކޮޅަށް ފެބްރުއަރީ 2022 ގައި ފެށި ހަނގުރާމައަށް 2 އަހަރުވާން ކައިރިވެފައި ވާ އިރު މަރުވި ސިފައިންގެ އަދަދު 300،000 ފަހަނައަޅާ ވަނީ ގޮސްފައެވެ.

ހަނގުރާމަ އަދިވެސް ކުރިއަށް އޮތް އިރު، ދުޝްމަނުންގެ ހަމަލާތަކުން ގައުމު ސަލާމަތް ކުރުމުގެ ވިސްނުންފުޅާއެކު ރައީސް ވްލަޑިމިއާ ޕުޓިން ވަނީ، އެގައުމުގެ ސިފައިންގެ ޖުމްލަ އަދަދު 2.2 މިލިއަނަށް ވުރެ އިތުރު ކުރެއްވުމަށް އަމުރު ކުރައްވާފައެވެ. އެގޮތުން އިތުރު 170،000 ސިފައިން ރެކްރޫޓު ކުރުމަށް މިދިޔަ ހުކުރުދުވަހު ރިޔާސީ ގަރާރަކުން ޕުޓިން ވަނީ އަންގަވާފައެވެ.

މިއަދަދާއެކު ރަޝިއާގެ ސިފައިންގެ ތެރޭގައި ހިމެނޭ، ފައުޖީން [ހަތިޔާރު އެޅި ސިފައިން] ގެ 1.32 މިލިއަން މީހުންނާއެކު ޖުމްލަ އަދަދު 2.2 މިލިއަނުން މައްޗަށް ދާނެއެވެ.

މިކަމާ ގުޅިގެން ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ، މި ބަދަލަކީ، އެކިއެކި ފަރާތްތަކުން ރަޝިއާ އާ ދެކޮޅަށް އަންނަ ހަމަލާތަކުން ގައުމު ދިފާއު ކުރުމަށާއި ޔޫކްރައިން ހަނގުރާމައާއި އަދި ފުޅާވަމުންދާ ނޭޓޯގެ ސަބަބުން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

އިތުރަށް ބުނެފައި ވަނީ އަލަށް ނަގާ ސިފައިން ރެކްރޫޓު ކުރުން ކުރިއަށް ގެންދާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށާއި އަވސް އަރުވާލައި އެމީހުން ހަނގުރާމައިގެ ސަފުތަކަށް ފޮނުވުމުގެ ވިސްނުން ނެތް ކަމަށެވެ.

މިއީ ރަޝިއާއިން ޔޫކްރައިން ހަނގުރާމަ ފެށިފަހުން ސިފައިންގެ ތެރެއަށް މީހުން ވެއްދުމަށް ޕުޓިން އަމުރު ކުރެއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން އޮގަސްޓް 2022 ގައި ޕުޓިން ނެރުއްވި ގަރާރެއްގައި ވަނީ ޖެނުއަރީ 1، 2023 ގެ ނިޔަލަށް 137،000 ސިފައިން ރެކްރޫޓު ކުރުމަށް އަންގަވާފައެވެ. އެއާއެކު މިހާރު ޖުމްލަ އަދަދު ވަނީ 2 މިލިއަން ފަހަނައަޅާފައެވެ.

ޖެހިގެން އައި މަހު ވަނީ، ރަޝިއާގައި ތިބި ހަތިޔާރު ބޭނުން ކުރަން އެނގޭ މީހުން ހިދުމަތަށް ނިކުތުމަށް ވެސް އަންގާފައެވެ. އެއާއެކު ރަޝިއާގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާތައްވެސް ކޮށްފައި ވާ އިރު ގިނަ ބަޔަކު ގައުމު ދޫކޮށް ގޮސްފައި ވެސް ވެއެވެ. އެ ޕްރޮގްރާމް 2022 ގެ ނޮވެމްބަރާ ހަމައަށް ކުރިއަށް ގެންދިޔަ އިރު، 300،000 ހަމަވުމުން އެ ޕްރޮގްރާމު މިހާރު ވަނީ ސަސްޕެންތް ކޮށްފައެވެ. އޭރު ހަބަރުތަކުން ހާމަވި ގޮތުގައި، ސިފައިންގެ ހިދުމަތަށް ނިކުތުމަށް އަންގާ، އާންމުންނަށް ލިބެމުން ދިޔައީ ރަޝިއާ ސަރުކާރުގެ ސިޓީއެކެވެ. އެއާ އެއްގޮތަށް ރިޕޯޓު ކުރަން ބޭނުން ނުވި މީހުންނަށް މަޖުބޫރުވީ ގައުމު ދޫކޮށް ދިޔުމަށެވެ.

ރަޝިއާގެ ކުރީގެ ރައީސް އަދި މިހާރު ރަޝިއާ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން އާ ހަވާލާދީ ރިޕޯޓުތަކުން ބުނާގޮތުން، ޖެނުއަރީ 1، 2023 އިން ފެށިގެން ޑިސެމްބަރު 1، 2023 ގެ ނިޔަލަށް ޖުމްލަ 452،000 ސިފައިން ވަނީ ތަމްރީނު ކޮށްފައެވެ.

ޔޫކްރައިން ހަނގުރާމައިގައި މަރުވާ ރަޝިއާ ސިފައިންގެ ސާފު އަދަދުތައް އެގައުމުގެ އޮފިޝަލުން ސިއްރު ކޮށްފައި ވާ އިރު ރަޝިއާގެ ޑިފެންސް މިނިސްޓަރު ސެޕްޓެމްބަރު 2022 ގައި ވިދާޅުވެފައި ވަނީ ހަނގުރާމައިގައި މަރުވެފައި ވަނީ ރަޝިއާގެ 5937 ސިފައިން ކަމަށެވެ. ނަމަވެސް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ބުނާ ގޮތުގައި ފެބްރުއަރީ 2022 އިން ފެށިގެން މިހާތަނަށް 300،000 އެއްހާ ރަޝިއާ ސިފައިން ވަނީ މަރުވެފައެވެ. ޔޫކްރައިން އިން ބުނާ އިރު މިއަދަދުތައް މިއަށް ވުރެ މާމައްޗަށް އަރައެވެ. އެގައުމުގެ ބައެއް މަސްދަރުތަކުން ބުނެފައި ވަނީ، މަރުވި ރަޝިއާގެ ސިފައިންގެ އަދަދު 500،000 ފަހަނައަޅާ ގޮސްފައި ވާ ކަމަށެވެ.