ރާއްޖޭގެ ހުރިހާ ސިޓީ ތަކަކުން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ އިދާރާގެ ރީޖަނަލް އޮފީސްތައް ހުންނަ ހަތަރު އަތޮޅަކުން މިއަދުން ފެށިގެން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ހުންނަ ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލަކުގެ އިތުރުން އައްޑޫ އިން ޕާސްޕޯޓް ދޫކުރުން މިހާރު ދެގުނަ އަވަސްކޮށްފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ބަދަލުގެ ސަބަބުން އައްޑޫ އިން ހަފުތާއަކު ދެ ދުވަހު ޕާސްޕޯޓް ދޫކުރި ނަމަވެސް، މިއަދުން ފެށިގެން ހަފުތާއަކު ހަތަރު ދުވަހު އެ ހިދުމަތް ލިބޭނެ ކަމަށް ބުނެއެވެ. އަދި ކުޅުދުއްފުއްޓާއި ތިނަދޫ އަދި ފުވައްމުލަކުން ޕާސްޕޯޓް ދޫކުރަމުން އައީ ހަފުތާއަކު އެއް ދުވަހު ނަމަވެސް މިއަދުން ފެށިގެން ހަފުތާއަކު ދެ ދުވަހު ޕާސްޕޯޓް ދޫކުރާނެއެވެ.

މި ނިންމުން ނިންމާފައި ވަނީ ރައީސުލްޖުމްޖޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުތަކުގައިވެސް މި ހިދުމަތް ފުޅާ ކުރުމަށް އެ އިދާރާއިން ވަނީ އަމާޒު ހިފާފައެވެ.

ހުސްވި ނޮވެމްބަރު މަހު އިމިގްރޭޝަނުން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގަ ފޯމު ފުރަން ނުޖެހޭ ގޮތަށް ވެސް ހަމަޖައްސާފައެވެ. އަދި ހަމައެހެންމެ ދާދި ފަހުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އީ-ގޭޓްގެ ހިދުމަތް ވެސް އަލުން ފަށާފައެވެ.