އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް މައުލޫމާތު ދިނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް، އިބްރާހިމް އުސްމާން ވިދާޅުވީ މި ވަގުތު ފުލުހުންގެ ތަހުގީގު ހިނގަމުންދިއުމުގެ ސަބަބުން އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނެތް ކަމަށެވެ.

އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި ރަށު ތެރެއިންވެސް މި ވަގުތަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވާ ކަމަށް އުސްމާން ވިދާޅުވެފައި ވެއެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ، އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުންދާނެ ކަމަށެވެ.