ސަލްމާން މިސްކިތުން ފައިވާނެއް ވަގަށް ނަގައިގެން ހައްޔަރުކުރި މީހާގެ، މިސްކިތްތަކުން ފައިވާން ވަގަށް ނެގުމުގެ 8 ރެކޯޑު އޮތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ސަލްމާން މިސްކިތުން ފައިވާނެއް ނެގި މައްސަލާގައި ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޏ. ފުވައްމުލަކު 41 އަހަރުގެ އިބްރާހީމް އަހްމަދުގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓަން ވަނީ އަމުރު ކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައި ވަނީ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި އެގޮތުން ފުލުހުންގެ ހާދިސާ ރިޕޯޓު ހުށަހެޅިފައިވާ ކަމަށެވެ. އަދި ހާދިސާ ރިޕޯޓުގައި ސަލްމާން މިސްކިތަށް ނަމާދަށް އެރި މީހެއްގެ ފައިވާން އޭނާގެ އަތުގައި އޮތް ދަބަހުން ފެނުނު ކަން ފާހަގަކޮށްފައިވާއިރު ބަންދުގެ މުއްދަތު ޖެހުމުގެ އަޑުއެހުމުގައި އޭނާ ވަނީ އެކަމަށް އެއްބަސްވެފައެވެ.
އެ އަމުރުގައި ބުނެފައިވަނީ އިބްރާހިމް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ކަމަށެވެ.
އޭގެ އިތުރުން ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް ކަމަށް އަމުރުގައި ބުނެފައިވަނީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ރިއާޔަތްކޮށް އޭނާގެ ވައްކަމުގެ ގިނަ ރެކޯޑުތަކެއް އޮތުމުން ހާއްސަކޮށް މިސްކިތްތަކުން މީހުންގެ ފައިވާން ވަގަށް ނެގުމުގެ ރެކޯޑުތަކެއް ހުރުމުން މި ހާލަތުގައި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭތ ކަމަށެވެ.
އޭނާ ހައްޔަރުކުރެވިފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށާއި އޭނާގެ ހައްޔަރާއި ބަންދު ލޮގަށް ބަލާއިރު މިސްކިތްތަކުން ފައިވާން ވަގަށް ނެގުމުގެ 8 ރެކޯޑާއި ވައްކަންކުރުމުގެ ގިނަ ރެކޯޑުތަކެއް ހުރިކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ.