އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ އާ ގުޅިގެން އެ ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފުލުހުންގެ ހާއްސަ ޓީމުތަކެއް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ރޭ ހިންގި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ފިރިހެނަކު ޒަހަމްކޮށްލަައިފައި ވާއިރު އޭނާއަށް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން އެ އިދާރާއިން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މާލެއިން އިތުރު ޓީމުތަކެއް އައްޑުއަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެ މާރާމާރީ އާ ގުޅުން ހުރި ފަރާތްތައް ހޯދާ ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ނޮވެމްބަރު 29، 2023 ގައި މާލޭގައި ހިނގާދިޔަ މާރާމާރީ އާ ގުޅިގެން މާލޭގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރި ކަމަށް ފުލުހުން ބުނެއެވެ. މާލޭގައި އެ މާރާމާރީ ހިނގާފައި ވަނީ ހެންވޭރު ޗީބޯ ހުންނަ ގޯޅި ސަރަހައްދުގައެވެ.

ރާއްޖޭގައި މާރާމާރީ ހިންގާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި އައްޑޫ ސިޓީގައި ވެސް މާރާމާރީ އާއި ވައްކަމާ، މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އަދި މި މައްސަލަތަކައް އަވަސް ހައްލެއް ހޯދައިދިނުމަށް ގިނަ ބަޔަކު އަންނަނީ ކަމާއި ގުޅޭ އިދާރާތަކަށް ގޮވާލަމުންނެވެ.