ޕޮންޒީ ސްކީމްގެ މައްސަލާގައި ތަހުގީގުކުރަމުންދާ ވަރަކަށް އިތުރަށް ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ކިންގް ކެޕިޓަލްގެ މައްސަލާގައި މިހާތަނަށް ދައުވާ ކުރެވިފައިވަނީ އެއްބައި މީހުންގެ މައްޗަށް ކަމަށާއި މި މައްސަލާގައި ގެއްލުން ލިބުނު މީޙުންގެ ބަޔާން ދިނުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އަދި ތަހުގީގުކުރިއަށްދާ ވަރަކުން އިތުރު ދައުވާތައް ވެސް ކޯޓަށް ހުށަހެޅުމުންދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ކޮންމެ މީހެއްގެ ހާދިސާއަށް ދައުވާ ކުރާނީ ވަކިން ކަމަށާއި އޭގަ މިހާރު ހުށަހެޅިފައި ހުރި ދައުވާތައް ކޯޓަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ވަކިން ކުރާ ދައުވާގެ އަދަބުވެސް އަންނާނީ ވަކިން ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެ މައްސަލާގައި އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ ކަމަށްވާ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ދައުލަތުން 39 ދައުވާ އެއް އުފުލައި، އެ މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

އެއީ އެ ތިން ބެއިންގެ ކުންފުނި، ކިންގްސް ކެޕިޓަލް ހޯލްޑިން އިން އާންމުކުރި ސްކީމްތަކަށް އިންވެސްޓްކުރި 13 މީހުންގެ ބައިގައި ކޮށްފައިވާ ދައުވާތަކެކެވެ. އެހެންކަމުން އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާ އެއް އުފުލާފައިވެއެވެ.

އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި ވަނީ އެ ތިން ބެއިންގެ ކިންގްސް ކެޕިޓަލް ކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ހީލަތުން ގިނަ ދިވެހީންގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ މައްސަލައިގައެވެ.