ކިންގްސް ކެޕިޓަލްގެ ޕޮންޒީ ސްކީމަށް އިންވެސްޓުކުރި ތިން މީހަކަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ ދޭން އަލްހާން ފަހްމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ތިން މީހަކު އިންވެސްޓު ކުރި ފައިސާ އަދި އެ ފައިސާ ބޭނުންކޮށްގެން ލިބުނު ފައިދާގެ އިތުރުން ކޯޓު ހަރަދުގޮތުގައި ޖުމުލަ 715،250 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އަލްހާންގެ މައްޗަށް ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓުގައި ވަކިވަކިން ކުރިއަށް ދިޔަ މި ތިން ދައުވާގެ ތެރެއިން މަރްޔަމް ޒާނާ މުހައްމަދު، ޖަންބުގެ ޅ. ހިންނަވަރު، ވަނީ 50،000 ރުފިޔާ ކިންގްސް ކެޕިޓަލްއަށް އިންވެސްޓް ކޮށްފައެވެ. މި ފައިސާ އާއި ކޯޓު ހަރަދުގެ ގޮތުގައި ހޭދަވި 7،500 ރުފިޔާ، އޭނާއަށް ދިނުމަށް އަލްހާންގެ މައްޗަށް ވަނީ ހުކުންކޮށްފައެވެ.

މީގެ އިތުރުން ޝަހުދާ ނަސީރު، ހުސްނުހީނާގެ ހއ.ހޯރަފުށި އަށް ޖުމްލަ 557،750 ރުފިޔާ ދެއްކުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު އެއީ އޭނާ އިންވެސްޓު ކުރި ފައިސާ އާއި ފައިދާގެ ގޮތުގައި ދޭންޖެހޭ 485،500 އެވެ. އަދި ޝަރީއަތުގެ ހަރަދަށްވާ 72،750 ރުފިޔާއެވެ.

މީގެ އިތުރުން އާމިނަތު ރިޝްފާ، ރޯޒީ ކ.ތުލުސްދޫ ކިންގްސް ކެޕިޓައަށްލްއަށް އިންވެސްޓްކުރި 25،000 ރުފިޔާ އާއި ފައިދާގެ ގޮތުގައި ލިބެން ޖެހޭ 75،000 ރުފިޔާ އޭނާއަށް ދިނުމަށްވެސް ކޯޓުން ވަނީ އަމަރުކޮށްފައެވެ.

އަލްހާންގެ އައިރު ހާޒިރުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ސިވިލް ކޯޓުން ވަނީ މި ފައިސާ އިއްޔެއިން ފެށިގެން 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުންކޮށްފައެވެ.

ކިންގްސް ކެޕިޓަލްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އިންވެސްޓްމަންޓްގައި ގިނަ ބަޔަކަށް އޮޅުވާލާ ފައިސާ އަބުރާ ދީފައިނުވާއިރު މި ސްކޭމްގައި ގެއްލުން ލިބުނު މީހުންގެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.