ކިންގްސް ކެޕިޓަލްގެ މަސްލަހަތު އޮންނަ އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެކުމުގެ 13 ދައުވާގެ މައްސަލަ ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ދިވެހިރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީ އާއި، މ. ފިނިވާގެ، 2 ނަންބަރުބައި، ސަހުބާން ފަހުމީ އަދި މ. ފިނިވާގެ 2 ނަންބަރުބައި، އަލްހާން ފަހުމީގެ މައްޗަށް، ޓެކުމުގެ ކުށުގެ 13 ދައުވާއެއްކޮށްފައި ވަނީ ނޮވެމްބަރު 23، 2023 ގައެވެ.
ޕީޖީ އޮފީހުން ބުނީ، މި ދައުވާތައް ކޯޓުގައި ހިނގަމުން ދަނިކޮށް، ދައުވާ ލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 ފަރާތަށް ބަދަލު ދީ ހަލާސްކޮށްފައިވާ ކަމަށް ބަޔާންކޮށް، ދައުވާތައް މުރާޖައާކޮށް ދިނުމަށް ދައުވާ ލިބޭ ފަރާތްތަކުން އެދިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ފުލުހުން މެދުވެރިކޮށް މައުލޫމާތު ސާފުކުރި އިރު، މި މައްސަލާގައި ބަދަލު ލިބެންޖެހޭ މީހުންނަށް ބަދަލު ލިބިފައިވާ ކަން ކަށަވަރުވެފައިވާ ކަމަށާއި އަދި މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ޕީޖީން ބުނެއެވެ.
މިއާއެކު މި މައްސަލާގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައި ދޭން އެދުނު އެންމެންނަށް، ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީ އާއި، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވުމުން، މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ދައުވާތައް އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ، އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެން ދިއުމަށް ނިންމާފަިއވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. ނަމަވެސް، މި މައްސަލާގައި ބަދަލު ލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާއި އެ ބައިތަކުގެ ތަހުގީގު ނިންމައި މި އޮފީހަށް ހުށަހެޅުމުން، އެ ބައިތަކުގައި ދައުވާ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕީޖީޏް ބުނެއެވެ.
