ފުރަތަމަ ފަހަރަށް ދާލު އެއާޕޯޓުން ރާއްޖެއިން ބޭރަށް ސީދާ ދަތުރުތައް ފެށުމަށް މަންޓާ އެއާއިން ތައްޔާރުވާން ފަށައިފިއެވެ.

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މަންޓާ އެއާ އިން އިންޑިއާގެ ބެންގަލޫރާއި ދ. ކުޑަހުވަދުއާ ދެމެދު ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ ޖެނުވަރީ މަހުގެ ތެރޭގައެވެ.

މި ދަތުރުތަކާ ގުޅޭ ގޮތުން މަންޓާ އެއާއިން ނެރުނު ބަޔާނެއްގައި ބުނީ ދާލު އެއާޕޯޓާ ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފެށުމުން، މާލެއަށް ދަތުރު ކުރުމަށް ފަހު އަލުން ރިސޯޓުތަކަށް ދާން ކުރަން ޖެހޭ ދަތުރުގެ ވަގުތު ސަލާމަތްވާނެ ކަމަށެވެ. އަދި މިއީ ދ. އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓުތަކަށް ދާ ފަތުރުވެރިންނަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށް އެ އެއާލައިނުން ވަނީ ފާހަގަކޮށްފައެވެ.

މަންޓާ އެއާ އިން ބުނީ ދަތުރުތައް ފަށާއިރު ޝެޑިއުލް ބިނާކުރަނީ ފަސިންޖަރުންނަށް ފަސޭހަކަމާ އެކު ދަތުރު ރޭވޭނެ ގޮތަށްކަމަށެވެ. މިގޮތުން ރާއްޖެ އަންނަ ދަތުރު ހެނދުނު ބާއްވާއިރު ރާއްޖޭން އިންޑިއާއަށް ފުރާ ދަތުރު އޮންނާނީ ރޭގަނޑު ކަމަށެވެ. މިހެން ދަތުރުތައް ރާވާލުމުން ފަސިންޖަރުންނަށް ރާއްޖޭގައި ހޭދަކުރަން ލިބޭ ވަގުުތު އިތުރުވެގެން ދާނެކަމަށް މަންޓާއިން ވަނީ ބުނެފައެވެ.

ދ.އަތޮޅުގައި މިހާރުވެސް 7 ރިސޯޓު ހިންގަމުން އަންނައިރު މަންޓާ އެއާލައިނުން ބުނީ އަލަށް ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތަކާ އެކު އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެގެން ދާނެކަމަށެވެ. ބަންގަލޫރާ، ދ. އަތޮޅު ގުޅާލާއިރު، އެ ސަރަހައްދުގައި ހުރި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށް ހާއްސަ ޕެކޭޖުތައް ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ.