މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެރޭ ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލަ ކުރިއަށް ނުގެންދެވެނީ ދައުވާކޮށްފައިވާ އަލީ ޝާހިލް ވަކީލުން ވާހަކަ ނުދައްކާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝިއާއު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވާއިރު އެ ދައުވާތަކުގެ ތެރޭގައި މިހާތަނަށް ޕީޖީއިން ހާމަކޮށްފައި ވަނީ ތިން ދައުވާއެކެވެ. އެއީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ޝާހިލް ވަކީލުންނާ ވާހަކަ ނުދައްކާ ކަމަށާއި ދައުލަތުން 3 ވަކީލުން އައްޔަންކޮށްދިން ނަމަވެސް ވަކީލުންނާ ވާހަކަދައްކަން ޝާހިލް ބޭނުން ނުވާ ކަމަށެވެ. އަދި ވަކީލަކަށް އެއްވެސް ވާހަކައެއް ކިޔައިދޭން ޝާހިލް ބޭނުން ނުވާ ކަމަށާއި ވަކީލުންނަށް އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭ ކަމަށެވެ.

ޝަމީމް ވިދާޅުވީ ޝާހިލްއާ ބައްދަލުކުރުމަށް ވަކީލުން ޖަލަށް ދިއުމުންވެސް ޝާހިލް ވާހަކަ ނުދައްކާ ކަމަށެވެ. އަދި ދެން އިތުރު ވަކީލެއް ހަމަ ނުޖައްސަން އޭޖޭއިން މިހާރު ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޝަމީމް ވަނީ ޝަރީއަތުގައި ޝާހިލް ވާހަކަ ނުދައްކާ ކަމަށް ވިދާޅުވެފައެވެ.

ޝާހިލްގެ މައްޗަށް ކޮށްފައިވާ ބައެއް ދައުވާތައް މިހާތަނަށް ހާމަކޮށްފައި ނުވާއިރު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ދަ ޕްރެސް" އަށް ވިދާޅުވީ އެ ދައުވާތައް ސިއްރުކޮށްފައި ވަނީ އާއިލާގެ މަސްލަހަތަށްޓަކައި ކަމަށާއި ތަހުގީގީ މަރުހަލާގައި އާއިލާއިން އެދިގެން ހާމަ ނުކުރަން ހުރި ބައެއް މައުލޫމާތުތައް ވެސް ހިމެނޭތީ ކަމަށެވެ.