ވާޗުއަލްކޮށް ޓީޗިން ކޯސް ހިންގުމުގެ ހުއްދަދީ ހައިކޯޓުން ނެރުނު ވަގުތީ އަމުރު ސުޕްރީމްކޯޓުގައި އެޓާނީ ޖެނެރަލްގެ އޮފީހުން (ދައުލަތުން) އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އެ އަމުރު ދަމަހައްޓައިފިއެވެ.
ޓީޗިން ދާއިރާގެ ކޯސްތައް ހިމެނޭހެން 8 ދާއިރާއެއްގެ ކޯސްތައް ނުހިންގޭނެ ކަމަށް މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީއިން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ގައިޑް ލައިންއެއް ނެރެފައެވެ. އެއާއެކު މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްއިން ވަނީ ޓީޗިން ކޯސް ވާޗުއަލްކޮށް ހިންގުމުގެ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދިފައެވެ.
ހައިކޯޓުގެ 2022/HC-DM/06 ގަޒިއްޔާއިން ވަކި ގޮތެއް ކަނޑައަޅަންދެން، އެމްކިއުއޭގެ "ގައިޑްލައިންސް ފޯ އީ-ލާނިން"ގެ 11 ވަނަ މާއްދާގެ ދަށުން އީ-ލާނިން މެދުވެރިކޮށް ޓީޗިން ދާއިރާއިން ނުކިޔެވޭނެ ކަމަށް އޮތް އޮތުމަށް އަމަލުނުކޮށް ފަސްކުރުމަށް ހައިކޯޓުން އަމުރެއް ނެރެފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މި މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ އެމްކިއުއޭ ގައިޑް ލައިންގެ އެ މާއްދާއަށް އަމަލު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފައި ވަނީ މަދަނީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން އެދިފައިނުވާ ފަރުވާއެއް ދޭވޭފަދަ ބީދައަކުން ކަމަށެވެ. އަދި އަސްލު މައްސަލައިގެ މައުލޫއު ފައިސަލާވާ ގޮތަށް އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށެވެ.
އިސްތިއުނާފުގެ މި މައްސަލައިގައި ހައިކޯޓުން ބުނެފައި ވަނީ ހައިކޯޓުން އެ އަމުރު ނުނެރެފިނަމަ، ވާޗުއަލްކޮށް، ޓީޗިން ދާއިރާގެ ކޯސްތަކުގައި ބައިވެރިވާން އެދޭ ދަރިވަރުންނަށް އެ ފުރުސަތު ގެއްލި، އިސްތިއުނާފު ރައްދުވާ ފަރާތަށް ފޫނުބެއްދޭ ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި ވާޗުއަލްކޮށް ޓީވިން ދާއިރާގެ ކޯސްތަކުގައި ބައިވެރިވާން އެދޭ ދަރިވަނުންނަށް ވެސް ގެއްލުން ލިބުމުގެ އިހްތިމާލު އެބައޮތް ކަމަށެވެ.
އެ އަމުރަކީ ގިނަ އަދަދެއްގެ ދަރިވަރުންގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާތީ އަމުރު ނެރެންޖެހޭ ކަމަށް ސުޕްރީމްކޯޓުން ވަނީ ނިންމާފައެވެ. ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ ހައިކޯޓުގެ އެ އަމުރަކީ ވަގުތީ އަމުރު ނެރުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރަކަށްވާތީ، ހައިކޯޓުން ނެރެފައިވާ އެ އަމުރަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.
ޓީޗިން ކޯހުގެ އިތުރުން ޑޮކްޓަރުކަން އަދި ޑެންޓިސްޓްރީ، ނަރުސްކަން، ގުރުއާން އަދި ގުރުއާނާ ގުޅުންހުރި ކޯސްތައް، ޓެކްނިކަލް އަދި ވޮކޭޝަނަލް ކޯސްތައް، އިންޖިނިއަރިން، އާކިޓެކްޗާގެ ކޯސްތައް ވެސް އޮންލައިންކޮށް ނުހިންގޭނެ ކަމަށް އެމްކިއުއޭއިން ވަނީ ނިންމާފައެވެ.