ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް މިހާރުން މިހާރަށް ބޭނުންވާ ތަރައްގީގެ މުހިންމު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލައިފައިވާ "ހަފްތާ 14"އަށް އޮސްޓްރޭލިއާގެ ސަފީރު ތައުރީފު ކުރައްވައިފިއެވެ.

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް، މިފަދައިން ވިދާޅުވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ. ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދު އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ސަފީރާއި ނައިބު ރައީސް ވާހަކަ ދައްކެވިއެވެ. އަދި ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން، ނަފްސާނީ ދުޅަހެޔޮކަން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުން، ތައުލީމު، ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދޭދޭ އަދި ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރުންމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ފަދަ މުހިންމު މައްސަލަތައް ހިމެނެއެވެ.

އޮސްޓްރޭލިއާ އަދި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް އެ ގައުމުން ވަރަށް ބޮޑު އިސްކަމެއްދޭކަން ފާހަގަކުރައްވައި، ސަފީރު ވިދާޅުވީ ދާދިފަހުން ރާއްޖޭގައި އޮސްޓޭލިޔާގެ ހައިކޮމިޝަނެއް ގާއިމުކުރުން އެއީ އޭގެ ހެއްކެއް ކަމުގައެވެ.

އޭގެއިތުރުން ސަފީރު ވަނީ، ދެ ގައުމުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމާއެކު ބައިނަލްއަގްވާމީ މިންގަނޑުތަކާއި އުސޫލުތަކަށް އިހްތިރާމުކުރުމާއި، މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރިކޮށް އަދި ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެ ގައުމުގެ ގާތް ރަޙުމަތްތެރިގުޅުން އިތުރަށް ބަދަހިކޮށް ދެ ގައުމުން ގުޅިގެންކުރާ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއިން ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުއެވެ.