މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދިނުމަށް ކުރީގެ ސަރުކާރުން ކުރިޔަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލިބުނު ޕޮއިންޓް އިތުރުކޮށް ޝަރުތުހަމަނުވާ ފަރާތްތަކަށް ވެސް ފްލެޓް ދީފައިވާ ކަމަށް އޭންޓި ކޮރަޕްޝަން ކޮމިޓީ (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީއިން މިފަދައިން ބުނީ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ދޫކުރާ 4000 ފްލެޓު ދޫކުރުމުގެ މަސައްކަތްތައް ހުއްޓާލުމަށް އެންގި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އޭސީސީގެ މެމްބަރުން މިއަދު ހާޒިރުކުރުމުންނެވެ.

އޭސީސީއިން ބުނީ ހައުސިން މިނިސްޓްރީއިން އެންމެ ފުރަތަމަ އާންމުކުރި ފްލެޓްގެ ލިސްޓާ ގުޅިގެން 325 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ލިސްޓާ ގުޅިގެން ހުށަހެޅި ޝަކުވާތައް ހައުސިން މިނިސްޓްރީއާ ހިއްސާ ކުރި ނަމަވެސް، ދެން ނެރުނު ލިސްޓުގައި ވެސް އެ ކޮމިޝަނުން ފާހަގަ ކުރި ކަންކަމަށް ބަލާ ބަދަލު ގެނެސްފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ގެދޮރުވެރިޔާ ޕޯޓަލްއަކީ ހުށަހަޅާ މައުލޫމާތާ އެއްކޮށް އޮޓޯއިން ޕޮއިންޓް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލްއެއްކަމަށްވީ ނަމަވެސް، އޮޓޯއިން ލިބޭ ޕޮއިންޓަތައް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން ޕޮއިންޓް ބަދަލުކޮށްފައި ހުރިކަން ފާހަގަވެފައިވާ ކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ.

އެގޮތުން ބަލާއިރު ދަރިން ނެތް ކަމަށް ފޯމުގައި ޖަހާފައިވާ ފަރާތްތަކަށް، ދަރިން ތިބި ކަމަށް ޕޮއިންޓް ދީފައިވާ ކަމާއި، މާލޭގައި ދިރިނޫޅޭ ފަރާތްތަކަށް މާލޭގައި ދިރިއުޅޭ ކަމަށް ކަނޑައަޅައި ޕޮއިންޓް ދީފައިވާކަން އޭސީސީއަށް ފާހަގަވެފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ. އޭސީސީއިން އިތުރަށް ބުނީ އެގޮތަށް ޕޮއިންޓްދީފައި ހުރުމުން ޕޮއިންޓް ބަދަލުކޮށްފައިވާކަން އެނގޭ ކަމަށެވެ.

ގެދޮރުވެރިޔާ ޕޯޓަލްއަކީ ވަރަށް ފުރިހަމައަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއްކަން ފާހަގަކޮށް އޭސީސީ ވަނީ ފާހަގަކޮށްފައެވެ. އަދި މަގާމުގެ ޕޮއިންޓުތައް ސުޕަވައިޒް ކުރި ފަރާތްތަކުން ޕޮއިންޓްތަކަށް ބަދަލު ގެނެސް މަގާމުގެ ނާޖާއިޒް ފައިދާ ނެގި ކަމަށް އޭސީސީއިން ތުހުމަތު ކުރެއެވެ.