ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ރިޔާސީ ވައުދުތައް ފުއްދައި ދެއްވުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސް، ޕްރޮފެސާ ޑޮކްޓަރު ނޫމާން ކުރްތުލުމުސް އާ އަދި ޕާލަމަންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.
މި ގޮތުން އެ މަނިކުފާނު ވަނީ ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް އޮންނަ ގައުމެއް ނަމަވެސް ގުދުރަތީ ގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އެތުރިފައި ވަނީ ބޮޑު ސަރަހައްދެއްގެ މައްޗަށްކަން ފާހަގަ ކުރައްވާފައެވެ. އަދި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ވެސް ބޮޑު ސަރަހައްދެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީވެސް ސަރަހައްދީ މުހިންމު ހިސާބެއްގައި ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެ އާއި ދުރާއި ގާތުން އެކީގައި މަސައްކަތް ކުރާ ހުރިހާ ބައިވެރިންނާއެކު އަބަދުވެސް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވި ޝިއާރަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއު ކުރެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ހައްދުފަހަނަޅާފައިވާ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ގުޅިގެން ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތާއިދުކޮށް އެއްބާރުލުން ދިނުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ވެދެވެންއޮތް ހުރިހާ އެހީތެރިކަމެއް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ގައުމަކީ ތުރުކީވިލާތަށް ވުމީ ލިބިވަޑައިގެންނެވި ހާއްސަ ޝަރަފެއް ކަމަށް ވިދާޅުވެފައެވެ. އަދި ވަކިން ހާއްސަކޮށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުއާންއާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ އަދި އެއަށްވުރެ ބޮޑު ޝަރަފެއް ކަމުގައި ވެސް ވިދާޅުވިއެވެ.