މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުލް މަތީން މުހައްމަދު އައްޔަން ކޮށްފިއެވެ.

ރ. ހުޅުދުއްފާރު، ނާރެސް، އަބްދުލް މަތީން މުހައްމަދު އެ މަގާމަށް އައްޔަން ކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

އެ ބޯޑުން މިއަދު ބުނެފައިވާ ގޮތުގައި މަތީން އެ މަގާމަށް އައްޔަން ކޮށްފައި ވަނީ ގާނޫނު ނަމްބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނު) ގައިވާ ގޮތުގެ މަތިންނެވެ.

ޕީޕީއެމްގެ ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތުމުގެ ކުރިން މަތީން އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

ޕީޕީއެމްގައި ހުންނެވުމަށް ފަހު މަތީން ވަނީ، ޕީއެންސީ އުފެދިގެން އައިއިރު އެ ޕާޓިއަށް ސޮއި ކުރައްވައި ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެއަށްފަހު އޭނާ ވަނީ އަނެއްކާ ޕީއެންސީ ދޫކުރައްވާ ޕީޕީއެމްއާ ގުޅިވަޑައިގެން ޕީޕީއެމްގެ އެސްޖީގެ މަގާމު ފުރުއްވާފައެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް މަތީން އައްޔަން ކޮށްފައިވާ އިރު، މީގެ ކުރިން އެ މާގާމު ފުރުއްވާފައި ވަނީ ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ހަސަން ޝާހުއެވެ.