އަމާޒަކީ 48 ގަޑިއިރުން ކުރާ މަސައްކަތް 24 ގަޑިއިރު ތެރޭގައިކޮށް ނަތީޖާ ނެރުން ކަމަށް އެމްޕީއެލްގެ އާ މެނޭޖިން ޑައިރެކްޓަކަށް މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޖީހު އެފަދައިން ވިދާޅުވީ މިއަދު އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ވެރިކަން ބަދަލުވުމާއެކު ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލު ވެވަޑައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ސީއީއޯ އިން އައްޔަން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މީގެ ކުރިން އެމްޕީއެލްގެ ޖެނެރަލް މެނޭޖަރުގެ އިތުރުން އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުވެސް ފުރުއްވާފައިވާ ވަޖީހުއަކީ އެމްޕީއެލްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާ ވަޖީހު ވިދާޅުވީ 'ތިޔަ ހަވާލު ކުރެއްވި މަސްއޫލިއްޔަތާއެކު މަނިކުފާނުގެ މެނިފެސްޓޯ ތަންފީޒުކުރުމުގެ މަސައްކަތުގައި އިހުލާސްތެރިކަމާއެކު ވަރުބަލިވުމެއްނެތި ދެމި ހުންނާނެ' ކަމަށެވެ.

އަމާޒަކީ ލިބިވަަޑައިގެންފައިވާ މައުލޫމާތާއި ތަޖުރިބާގެ އަލީގައި 24 ގަޑިއިރު ތެރޭ 48 ގަޑިއިރުގެ މަސައްކަތް ކޮށް ފުރިހަމަ ނަތީޖާއެއް ނެރެ ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް ހުރިހާ ކަމެއް ބަދަލުކުރުން ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.