މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ރައީސް ޑރ.މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވުމާ ގުޅިގެން އެ މަނިކުފާނު ވަނީ މި މަހުގެ 17 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑީގެ އިތުރުން ގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ނާސިރާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ގޮނޑިވެސް ވަނީ ހުސްވެފައެވެ.
ގާނޫނުގައިވާ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭއިރު އިސްމާއިލް ހަބީބް ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ހޮވުމާއި، މާލޭ ސިޓީ ކައުންސިލްގެ 3 މެންބަރުންނާއި، އަދި ވ.ރަކީދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން ޑަބްލިއުޑީސީގެ 18 ރަށެއްގެ މެންބަރުން އިންތިހާބު ކުރުމަށްޓަކައި ބާއްވާ ބައި އިލެކްޝަން މި ޖަނަވަރީ މަހުގެ 13 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
މި މަގާމުތަކަށް ކުރިމަތިލުން އެޕްލިކޭޝަން ބަލައިގަތުން ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނު 09:00 އަކުން ފެށިގެން ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ 14:00 އަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އިންތިހާބު ބާއްވާ ތާރީހުން ފެށިގެން ދެ ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާންކުރާނެކަމަށް އިސްމާއީލް ހަބީބް ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް މިހާރުވެސް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، މި މަގާމުގެ ކެމްޕެއިން ވެސް ބައެއް ފަރާތްތަކުން ވަނީ ފަށާފައެވެ. މި ގޮތުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާ، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ އިތުރުން، ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ސައިފް ފާތިހް އާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ އިންތިހާބުގައި ވާދަކުރާނެކަން ހާމަކޮށްފައެވެ.