މެންބަރުން އިތުުރުކުރުމުގެ މަސައްކަތް ޕީއެންސީން ކުރަމުން ދާއިރު މިހާތަނަށް 15،000 އަށްވުރެ ގިނަ މީހުން އެ ޕާޓީއަށް ސޮއިކޮށްފި ކަމަށް ބުނެފިއެވެ.

"ދަ ޕްރެސް" އާ ވާހަކަދައްކަވަމުން އެ ޕާޓީގެ ރަޖިސްޓްރާ އަފޫ ހާމިދު ވިދާޅުވީ ކުރީގައި އެ ޕާޓީގައި ތިބި މެންބަރުންނާއެކު މި ފަހުން ފުރަން ފެށި ފޯމުތައް އެއްކޮށްލުމުން މެންބާޝިޕް 18،000 އަށް އިތުރުވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް 6،000 ފޯމު އީސީގައި ޕްރޮސެސް ނުކުރެވޭ ކަމަށް އަފޫ ވިދާޅުވިއެވެ.

އަފޫ ވިދާޅުވީ މި ފަހުން ފޯމު ފުރަން ފެށިފަހުން ގާތްގަނޑަކަށް 16،000 ގާތްކުރާ އަދަދަކަށް ފޯމު ފުރާފައިވާ ކަމަށެވެ. އަދި އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން 40،000 މެންބަރުން ޕީއެންސީގެ ދަފްތަރުގައި ރަޖިސްޓްރީވުން ކަމަށް އަފޫ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ އެ ޕާޓީއެއްގައި މަދުވެގެން 10،000 މެންބަރުން ހަމަވާ ކަމަށް ވަނީނަމައެވެ. އެހެންކަމުން އެ ފައިސާ މިހާރު ލިބޭ ޕާޓީތަކަކީ އެމްޑީޕީ، ޖޭޕީ، ޕީޕީއެމް އަދި އެމްޑީއޭ އެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޕީއެންސީގައި ތިބީ ގާތްގަނޑަކަށް 3000 މެންބަރުންނެވެ.

ޕީޕީއެމްގެ ހިޔަނި ޕާޓީ ގޮތުގައި އޮތް ޕީއެންސީއަށް ޕީޕީއެމްގެ މެންބަރުން ވަންނަމުންދާ މައްސަލައާ ގުޅިގެން ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއާއެކު އުފެދުނު ހަމަނުޖެހުމުން މިހާރު އެމަނިކުފާނު ވަނީ އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފައްޓަވާފައެވެ.