ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި ވަޒީރުންގެ ތެރެއިން ދެ ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީން އިއްތިފާގު ވެފައިވާ ކަން ހާމަވެއްޖެއެވެ.
ރޭ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައި ވަނީ ރައީސްގެ ވަޒީރުންގެ ތެރެއިން ފަސް ވަޒީރަކަށް ރުހުން ނުދޭން މަޝްވަރާ ކޮށްފައިވާ ކަމާއި، އޭގެ ތެރެއިން ދެ ވަޒީރަކަށް ރުހުން ނުދޭން ވަނީ ނިންމައިފައި ކަމަށް، ބައެއް މަސްދަރުތަކުގައި ވެއެވެ.
'ދަ ޕްރެސް' އިން ސުވާލުކުރުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ރުހުން ނުދޭން ނިންމީ ކޮން ވަޒީރުން ތަކަކަށް ކަން ހާމައެއް ނުކުރައްވައެވެ.
ބެލެވޭ ގޮތުގައި އެމްޑީޕީން ރުހުން ނުދޭން ނިންމާފައި ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށާއި ހޯމް މިނިސްޓަރު އަލީ އިހުސާނަށެވެ. ހަމަ އެހެންމެ، ވަޒީރުންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލަށް ވެސް ރުހުން ނުދޭނެ ކަމަށް ބައެއް މަސްދަރުތަކުގައި ބުނެއެވެ. އެކަމަކު އެކަން 'ދަ ޕްރެސް' އަށް ޔަގީން ކުރެވިފައެއް ނުވެއެވެ.
ހައިދަރަށް އެމްޑީޕީން ރުހުން ނުދޭ ސަބަބެއް ކަމަށް ބެލެވެނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް، ހައިދަރަށް ރުހުން ނުދޭން ގޮވާލައްވާފައި ވުމާއި ހައުސިންގެ މައްސަލަތަކެވެ. ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވީ، ހައިދަރު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިން އާ ސަރުކާރުން މާލޭ މީހުންގެ ބޯހިޔާވަހިކަން އަތުލުމަށް މަސައްކަތްކުރާ މިންވަރު ހާމަވާ ކަމަށެވެ
މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ހައިދަރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ރަޖިސްޓްރީ ދޫކޮށް، އެއްބަސްވުމުގައި ސޮއި ކޮށްފައި ހުރި ބައެއް ތަންތަނަކީ ހިއްކާފައި އޮތް ބިމަކުން ދީފައިވާ ތަންތަން ނޫން ކަމަށާއި، އެހެންކަމުން ގާނޫނީ ގޮތުން އެކަމުގައި އޮންނަ ގޮތް ބައްލަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ފްލެޓުތަކާ ބެހޭ ގޮތުން ބައިވަރު ޝަކުވާ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށާއި އެކަމުގެ ތެރޭގައި އޭސީސީން ވެސް އެންގުންތަކެއް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ ކަންކަން ބަލައި ލިސްޓު މުރާޖައާކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވާފައި ވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އަންގާރަ ދުވަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ނަންތައް ދިރާސާކުރުމަށްޓަކައި ވަނީ ފޮނުވައިފައެވެ.