މާލޭ މީހުންނަށް ނިމިދިޔަ ސަރުކާރުން ދޭން ނިންމި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު މުރާޖައާކުރައްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން، އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ރުހުން ނުދިނުމަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ގޮވާލައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް ބަހުސް ކުރައްވަމުން މީކާއީލް ވަނީ، ބަޖެޓަށް ބަލާލުމުން ފެނިވަޑައިގަންނަވަނީ ސަރުކާރުން މާލޭ މީހުންގެ ބޯހިޔާވަހިކަން 'ފޭރިގަންނަ' މަންޒަރު ކަމަށް ސިފަކުރައްވައިފައެވެ.

މީކާއީލް ވިދާޅުވީ، ހައިދަރު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިން ވެސް ހާމަވަނީ އާ ސަރުކާރުން މާލޭ މީހުންގެ ބޯހިޔާވަހިކަން އަތުލުމަށް މަސައްކަތްކުރާ މިންވަރު ކަމަށާއި، މިނިސްޓަރުގެ ވާހަކައިން ދޭހަވަނީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހެއްދެވީ އިތުރުފުޅު ކަމަށެވެ.

އެއާއެކު، ވެރިކަމަށް ވަޑައިގަތުމަށްޓަކައި މާލޭން ބިމާއި ފްލެޓު ލިބުނު ތަނަކުން އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށް ރައީސް ކެމްޕެއިން ދުވަސްވަރު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި މީކާއީލް ވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު އޭރުގެ ހައުސިން މިނިސްޓްރީން ކުރި ކަންކަމަށް އިހުތިރާމް ނުކުރައްވާނެ ކަމަށް ހައިދަރު ވިދާޅުވުމުން އެ ވާހަކަ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ގުޅީފަޅާއި ގިރާވަރުފަޅާއި ވިލިމާލެ އަދި އުތުރުތިލަފަޅަކީ އަޅުގަނޑުމެން މިހާރު ކަނޑައަޅާފައިވާ މީހުންނަށް ބޯހިޔާވަހިކަން ދޭން އެކަށީގެންވާ ތަންތަން، ވާދޫ ކަނޑު ހުރަސްކޮށް މާލޭގެ ރައްޔިތުން އަނެއްކާ ވެސް ފުށިދިއްގަރުފަޅަށް ޖަމާކުރައްވަން ނަހައްދަވާ،"
މީކާއީލް

އެހެންވެ މީކާއީލް ވަނީ، މަޖިލީހުގެ އެއްވެސް މެންބަރަކު ހައިދަރަށް ރުހުން ނުދިނުމަށް އެދިވަޑައިގެންފައެވެ. މީކާއީލް ވިދާޅުވީ، އޭނާ ހައިދަރަށް ރުހުން ނުދެއްވާނެ ކަމަށެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ރަޖިސްޓްރީ ދޫކޮށް، އެއްބަސްވުމުގައި ސޮއި ކޮށްފައި ހުރި ބައެއް ތަންތަނަކީ ހިއްކާފައި އޮތް ބިމަކުން ދީފައިވާ ތަންތަން ނޫން ކަމަށާއި، އެހެންކަމުން ގާނޫނީ ގޮތުން އެކަމުގައި އޮންނަ ގޮތް ބައްލަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ ސަރުކާރުން ދޫކުރި ފްލެޓުތަކާ ބެހޭ ގޮތުން ބައިވަރު ޝަކުވާ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށާއި އެކަމުގެ ތެރޭގައި އޭސީސީން ވެސް އެންގުންތަކެއް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ ކަންކަން ބަލައި ލިސްޓު މުރާޖައާކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދެމެދު ގިނަ އަދަދެއްގެ ފްލެޓާއި ބިން ދޫކުރި ކަން ފާހަގަކުރައްވައި ހައިދަރު ވިދާޅުވީ، އެ ތަންތަން ދީފައިވަނީ ހައްގުވެރިންނަށްތޯ ބައްލަވާނެ ކަމަށެވެ.