ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން މިރޭ ނިންމާއިފިއެވެ.
މިރޭ ބޭއްވި ޕީޕީއެމް ސެނެޓުގެ 5 ވަނަ ބައްދަލުވުމުން އެގޮތަށް ނިންމާފައި ވާ އިރު، އެއީ އަންނަ މަޖިލީހުގައި ހިމެނޭ ހުރިހާ ދާއިރާއެކެވެ.
މިރޭ ސެނެޓް ބައްދަލުވުން ބޭއްވި އިރު، އެ ކޯލިޝަނުން މަޖިލީހަށް ނިކުންނަ މެންބަރުން މިހާރުވެސް ގެންދަނީ ކެމްޕެއިން ކުރަމުންނެވެ.
މީގެ ކުރިން އިއުލާން ކޮށްފައި ވާ ގޮތުން، ޕީޕީއެމް އަދި ޕީއެންސީ ހިމެނޭހެން އެކޯލިޝަންގެ ޕްރިމަރީ ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 20 ހޮނިހިރު ދުވަހުއެވެ.
އެކޯލިޝަންގެ ޕްރައިމަރީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އާންމުކޮށް ފުރުސަތު އޮތް އިރު އަންނަ ޑިސެމްބަރު މަހުގެ 20 އިން ފެށިގެން 31 ގެ ނިޔަލަށް ކުރިމަތި ލެވޭނެއެވެ.
މީހާރުވެސް ޕީޕީއެމް އަދި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ކަން ަބއެއް ފަރާތްތަކުން ހާމަ ކުރަމުން އަންނަ އިރު އޭގެތެރޭގައި ބައެއް ނޫސްވެރިންނާއި ފިލްމީތަރިންގެ އިތުރުން އިޖްތިމާއީ މަސައްކަތް ކުރާ ފަރާތްތައް ހިމެނެއެވެ. އަދި ކުރިން މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ވާ ފަރާތްތަކާއި މުޅިން އާ މޫނުތައް ވެސް ފެންނަމުން ދެއެވެ.
ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކޮށް ބޮޑު އަޣުލަބިއްޔަތަކާއެކު ކާމިޔާބު ކޮށްފައިވާ އިރު، އާ ސަރުކާރު އުފެދުނުތާ މިވީ އަދި 8 ދުވަހެވެ. މިހާރު ޕީޕީއެމްގެ ތެރޭގައި ކޯޅުން ބޮޑުވެފައި ވާ އިރު، އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޕާޓީ ދޫކުރައްވައި ނިކުމެވަޑައިގެން އާ ޕާޓީއެއް އުފައްދަވާކަން އިއުލާން ކުރައްވާފައެވެ. ރައީސް ޔާމީންގެ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް އެލަޔަންސެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުން ޔާމީން އާ ޕާޓީއެއް އުފައްދަވަނީ، ޕީޕީއެމްގެ ތެރެއިން އެމަނިކުފާނު ބާކީ ކޮށްލާފައި ވުމާއެކު އަންނަ މަޖިލީސް އިންތިހާބުގައި އެމަނިކުފާނު އުފައްދަވާ ޕާޓީން ކެންޑިޑޭޓުންތަކެއް ނެރުމަށެވެ.