ޤާނޫނުއަސާސީގެ 30 ވަނަ މާއްދާ އިން، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިފައިވާކަމަށާ އެހެންނަމަވެސް ޕާޓީއެއް އުފެއްދުމުގެ ޝަރުތުތަކުގެ ތެރޭގައި ޝަރުއީ ހުކުމެއް ތަންފީޒުކުރަމުން ނުދާ މީހެއް ކަމުގައިވުން ހިމެނޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރައްވަމުންދާ މި ދަނޑިވަޅު ހަބީބު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝައުގުވެރިވާކަން ބަޔާންކޮށް ޝަރުތު ހަމަވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިދާނެކަމަށެވެ. މި ގޮތުން ސިޔަސީ ޕާޓީއެއް އުފެއްދުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުން، ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން، އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާ، އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުން ހިމެނެއެވެ.
މީގެ އިތުރުން އެމީހެއްގެ މައްޗަށް ޝަރުއީ ހުކުމެއް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއެކު، ސާބިތު ދަރަންޏެއް ދައްކަން ނުޖެހޭ މީހަކަށްވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކުނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ 3 އަހަރުދުވަސް ވެފައިވުން ހިމެނެއެވެ.
މީގެ އިތުރުން އިސްމާއީލް ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މީހަކު ކަމުގައި ނުވުން ހިމެނޭކަމަށެވެ.
އިތުރަށް އިސްމާއީލް ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރާ ޕާޓީއެއްގެ ނަމާއި، ނިޝާނާއި ސިއްކަ އާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އެ ދަފުތަރުގައި ކުރިން ރަޖިސްޓަރީކޮށްފައިވާ އެހެން ޕާޓީއެއްގެ ނަމާއި، ނިޝާނާއި، ސިއްކައާއި، ކުލަ އާއި، ދިދަ އާއި، އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެއްސާ އެއްގޮތްވެގެން ނުވާނެކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނެކަމަށެވެ.