ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތެއްގެ ފޮނި ނަތީޖާ ކަމަށާއި، މި ސަރުކާރު ގެނެވުނީ ރައްޔިތުން 5 އަހަރު މަގުމަތީ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށް މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް ޑރ. މުއިއްޒު އާ ދެމެދުގައި އުފެދުނު ހިތްހަމަނުޖެހުންތަކާ އެކު ޔާމީން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި ޝިޔާމް ވަނީ އެކްސްގައި ވަރަށް 'ޖަޒުބާތީ' މެސެޖެއް ހިއްސާ ކުރައްވާފައެވެ.

މި ގޮތުން ޝިޔާމް ވިދާޅުވީ 19 ވަނަ މަޖިލީހާއެކު، ޕާޓީގެ ނައިބު ރައީސެއްގެ ވެސް މަސްއޫލިއްޔަތާއެކު، މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަދު މެންބަރުންކޮޅަކާ އެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މުހިއްމު މަސްއޫލިއްޔަތު ވެގެން ދިޔައީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތަކަށް ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ޕާޓީގެ ރައީސް، ޔާމީން ހައްގުނޫން ސިޔާސީ ހުކުމެއްގައި ޖަލުގައި ގައިދުކޮށްގެން އެމަނިކުފާނުގެ އިންތިހާބީ ހައްގު ސަރުކާރުން ނިގުޅައިގަނެގެން ކުރިމަތިކުރުވި ދަތި ދުވަސްތައްކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

އިންތިހާބީ ރައީސެއްގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ކުރީގެ ސަރުކާރަށް ކުރެއްވި ފުރަތަމަ އިލްތިމާސަކީ ޔާމީން ކުޑަމިނުން ގެކޮޅަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގަތުން ކަމަށް ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ އެ އިލްތިމާސާ އެއްގޮތަށް ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެވުނު ކަމަށެވެ.

"ވެެރިކަން ބަދަލުވުމާއެކު ދިވެހިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނު. ރައީސް ޑރ. މުއިއްޒުގެ އާ ސަރުކާރުން ކުރަން ހުރި ކަންކަން ލައްކަ ބައިވަރު. އެހުރިހާ ވައުދުފުޅުތަކެއް އެހުރީ ބަހުން ބަހަށް އަދި އަކުރުން އަކުރަށް ދެލިކުރެވި 953 ގަނޑުގެ ބޯފޮތެއްގައި ޝާއިއު ކުރެވިފަ. އެއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކަށް ފުރަގަސް ނުދެއްވާނެ ކަމުގެ ދަލީލެއް. ދެފުށް ފެންނަ ވެެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން. ރައީސް ޑރ. މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދު. إن شاء الله އެމަނިކުފާނު ތަފާތު ދައްކަވާނެ".
ޝިޔާމް

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު އާއެކު ރައްޔިތުންގެ ވަރަށް ގިނަ އުންމީދުތަކެއް ވާކަމަށާ ރައްޔިތުން އެ މަނިކުފާނު ވެރިކަމަށް އިންތިހާބު ކުރަން ޖެހުނު ސަބަބުތަކެއްވެސް އެބަހުރި ކަމަށެވެ. މި ގޮތުން ދިވެހިން އަޅުވެތިކަމަށް ދާން ބޭނުން ނުވާކަމަށާއި އިސްލާމްދީން މަތިވެރިކުރުމާއި ގައުމު ދަރަނިން ސަލާމަތް ކުރަން ބޭނުންވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ސުލްހަވެރި އަމާންވެއްޓެއް ގާއިމު ކުރަން ބޭނުންވާ ކަމަށާ ތަރައްގީއާއި ތަމައްދުން އަދި އުފާފާގަތި ފުދުންތެރި ދިރިއުޅުމެއް ދިވެހިން ބޭނުން ވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދިނުމަށް ރައީސް ޑރ. މުއިއްޒުއަށް ވަގުތު ބޭނުންފުޅު ވާކަން ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ މިކަން ކުރެވޭނީ ހުރިހާ ފަރާތްތަކެއް، ވަކިން ހާއްސަކޮށް ޕީޕީއެމް-ޕީއެންސީގެ މެންބަރުން އެއްބާރުލުމާއި އެހީތެރިކަން ދީގެން ކަމަށެވެ. އިތުރަށް ޝިޔާމް ވިދާޅުވީ ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސް ދެއްވައި، ރައީސް ޑރ. މުއިއްޒަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދީ އެ މަނިކުފާނާ ހަވާލު ކުރެއްވި ގައުމީ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމަށެވެ. އަދި މި ގައުމާއި ރައްޔިތުންނަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވައި ދިވެހީން ގެނައި މި އުއްމީދީ ސަރުކާރު ދަމަހައްޓަން އެންމެ ކުރީސަފުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވަނީ ދާއިރާތަކުގެ ރައްޔިތުންގެ އިތުރުން ޕާޓީގެ ލީޑާޝިޕް، ޕީޖީ ގްރޫޕް މެންބަރުން، ސެނެޓަރުން، ދާއިރާތަކުގެ ރައީސުން، ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކުން އަދި ހާއްސަކޮށް ޕާޓީގެ އާއްމު މެންބަރުންގެ އިތުރުން ރާއްޖޭގެ މީޑިއާތަކުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުއިއްޒުއަށް ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން އެތައް ބައެއްގެ ލޯތްބާއި އެހީތެރިކަމާއެކު ކާމިޔާބު ކުރުމުގައި އެހީތެެރިވި ހުރިހާ ފަރާތްތަކަށް ވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.