ޕީޕީއެމް އާއި ޕީއެންސީގެ ކޯޅުންކަނޑުގެ ތެރޭގައި ރޭ ޕީޕީއެމް ދޫކޮށްލެއްވިކަން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ފަރާތްޕުޅުން ޑރ. ޖަމީލް އިއުލާން ކުރެއްވުމާއެކު ދެޕާޓީގެ މެންބަރުންގެ މެދުގައި ބަދަލުކުރެވޭ ބަހުގެ ހަމަލާތަކަށް ޕީއެންސީގެ ރައީސް އަދި ޑރ. މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله (އަދުރޭ) ރައްދު ދެއްވައިފިއެވެ.

ޕީޕީއެމްގައި ތިއްބަވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ވަޑައިގެންނެވި އެހެން ބައެއް އިސް ބޭފުޅުންނެކޭ އެއްގޮތަށް އަދުރޭ ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އަކީ އެންމެ ފުރަތަމަ ގައުމު އިސްކުރާ 2 ޕާޓީ ކަމަށާއި, ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް އެބޭފުޅުން ތިއްބެވީ ފިސާރި ސާބިތު ކަމާއެކު މުއިއްޒު އާ އެކުގައި ކަމަށެވެ. އަދި މުއިއްޒުގެ ސަރުކާރު ވެގެން ދާނީ ދިވެހި ރައްޔިތުންނާއި ގައުމަށް އުފާފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް ކަމަށެވެ.

"ފަސް އެނބުރި ބެލުމެއް ނެތި އަޅުގަނޑުމެން ދާނީ ކުރިއަށް, ލޮބުވެތި ދިވެހި ރައްޔިތުން ރައީސް ޑރ. މުއިއްޒު އާއެކު ސާބިތުވެ ތިބުމަކީ ގައުމާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް"
އަދުރޭ

އިތުރަށް އޭނާ ވިދާޅުވީ, އެއްވެސް މީހަކަށް ވުރެ ގައުމު މާ ބޮޑު ކަމަށެވެ. އޭނާ އެވާހަކަ އަމާޒު ކުރައްވަނީ ރައީސް ޔާމީނަށް ކަމަށް ބެލެވެއެވެ.

ޕީޕީއެމް އާއި ޕީއެންސީގެ ކޯޅުން ބޮޑުވެ ރައީސް ޔާމީން ވަކިން ޕާޓީ ހެއްދެވުމުގެ މަސައްްކަތް ކުރައްވަމުން ގެންދަވާ އިރު އަންނަ އާދީއްތަ ދުވަހު ޕާޓީއެއް ހެދުމުގެ ހުއްދައަށް އެދި އިލެކްޝަނަށް ފޯމު ހުށަހަޅުއްވާނެ ކަމަށް އެމަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއެވެ. މިހާރު އާ ޕާތީގެ ނަމާއި, ލޯގީ އާއި އަދި އަސާސީ ގަދައިދުގެ ޑްރާފްޓްވެސް ނިމިފައި ވާ ކަމަށާއި ގިނަ ބަޔަކު އާ ޕާޓީއަށް ވަނުމަށް ކެތް މަދުވެފައި ތިބި ކަމަށް ވެސް ވިދާޅުވެއެވެ.

ޕީޕީއެމް ދޫކުރައްވައި ރައީސް ޔާމީން ނިކުމެވަޑައިގެންނެވިކަން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ރޭ އިއުލާން ކުރައްވަމުން ގިނަ ސަބަބުތަކެއް ދެއްކެވިއެވެ. އެގޮތުން އެއް ސަބަބަކީ, ކޮރަޕްޝަންގެ މައްސަލައިގައި މިހާރު ހިނގަމުން ދާ ޔާމީންގެ ޝަރީއަތް އަޑުއަހަން މީގެ ކުރިން އިސް ބައެއް ލީޑަރުން ވަޑައިގެންހެން މިގާރު ވަޑައިނުގަތުމާއި, އާ ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ޔާމީންގެ ލަފާ ނުހޯދުމާއި ޔާމީން ފޯން ކުރެއްވިއަސް އާ ސަރުކާރުގެ އިސްވެރިން ފޯނަށް ޖަވާބު ނުދެއްވުމެވެ.

މިވާހަކަތައް އޭނާ ސަބަބުތަކެއްގެ ގޮތުގައި ފާހަގަ ކުރެއްވި އިރު އާ ސަރުކާރުގެ ވެރިން, ޔާމީންގެ ޝަރީއަތުގެ މަޖިލީހަށް ވަޑައިގެން ތިއްބެވުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމުގައި ބެލެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ހަމައެހެންމެ ކޮންމެ ކަމެއްގައި ޔާމީންގެ ލަފާ ހޯއްދަވަން ނުޖެހޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

އާރަށުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާފައި ވަނިކޮށް ޑރ. މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ޔާމީން ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ގޭ ބަންދަށް ބަދަލުކޮށް ދެއްވާފައެވެ. ނަމަވެސް އެއްކޮށް މިނިވަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ވެސް މިވަގުތު ލިބިދޭ ބާރަކަށް ނުވާ އިރު އެކަން ވާނީ ކޯޓުގައި އޮތް މައްސަލަ ނިމިގެންނެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީއަށް ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތަކާއި ކޯޓުތަކުގެ ގާނޫނާއި އަދި މައާފުދިނުމާއި ބެހޭ ގާނޫނުތަކަށް ބަދަލު ގެނެސްގެންނެވެ.

ޕީޕީއެމް އާއި ޕީއެންސީގެ މި ކޯޅުންގަނޑުގެ ތެރޭގައި ޔާމީން ޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް މިސަރުކާރުގެ އެކިއެކި ވަޒީފާތައް ހޯއްދަވައިގެން މިހާރު ތިއްބެވި, ކުރިން ޔާމީންގެ ހާޑްކޯ ބައެއް ސަޕޯޓަރުންވެސް ވިދާޅުވަމުން ގެންދަވަނީ, އެބޭފުޅުން މިހާރު ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކުގައި ކަމަށެވެ.